ކްރިމިނަލް ކޯޓު އަންނަ މަހުގެ ދިހަ ވަނަ ދުވަހުގެ ނިޔަލަށް ރިސެސްއަށް ދާން ނިންމައިފި އެވެ.
ކްރިމިނަލް ކޯޓުން ބުނީ ރިސެސްގެ މުއްދަތުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެހެން ބާއްވަންޖެހޭ ޚާއްސަ ޝަރީއަތްތަކުގެ އަޑުއެހުންތައް އެކަނި ކަމަށެވެ. އެގޮތުން ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ނުވަތަ ބަންދުކުރެވޭ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމުމަށް މަޖިލިސްތައް ބޭއްވުމާއި، ތަހުގީގުކުރާ އިދާރާތަކުން އެދިގެން ނެރެދޭ އަމުރުތައް ނެރުމުގެ މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް އެކޯޓުން ކުރަމުން ގެންދާނެ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
މީގެ އިތުރުން އެކޯޓުން ބުނިގޮތުގައި މި މުއްދަތު ތެރޭގައި ކޯޓުގެ މުވައްޒަފުންގެ ހާއްސަ ބައްދަލުވުމެއް ބޭއްވުމުގެ އިތުރުން ކޯޓުގެ މަސައްކަތް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން މެދުވެރިކޮށް ކަމާބެހޭ އެކިއެކި އިދާރާތަކާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާނެ ކަމަށެވެ.
ރިސެސްގެ މުއްދަތުގައި ކުރާނެ ކަންކަމުގެ ތެރޭގައި މުރާޖަޢާކުރެވުނު ޖިނާޢީ އިޖުރާއަތުގެ ޤަވާއިދަށް ކްރިމިނަލް ކޯޓުގެ ޤާޟީންނާއި ލީގަލް މުވައްޒަފުން އަހުލުވެރިވުމުގެ ގޮތުން ބާއްވާ ޕްރޮގްރާމަކާއި ދިވެހި ބަހުގެ އެކަޑަމީއާ ގުޅިގެން ކޯޓުގެ މުވައްޒަފުން ދިވެހި ބަހަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން އެކޯޓުން ފާހަގަކުރި އެވެ.