ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ސަރުކާރާ މެދު އާންމުންގެ ނުތަނަވަސްކަން ބޮޑުވެފައި ވަނީ، ޕާޓީގެ ފަލްސަފާ އާއި އަސާސްތައް ސަރުކާރުން ނުހިފަހައްޓާތީ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހުގެ އިއްޔެ ފާހަގަކުރަން ބޭއްވި އޮންލައިން ވެބިިނާގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ، އެމްޑީޕީގެ ފަލްސާފަތަކާ އެއްގޮތަށް ސަރުކާރު މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަސައްކަތްކުރައްވަން ޖެހޭ ކަމަށެވެ.

ހަސަން ލަތީފު ވިދާޅުވީ ކެނޑިނޭޅި ސަރުކާރު ތެރެއިން ފެންނަނީ އެމްޑިޕީފެ ފަލްސަފާތަކާ ހިލާފަށް މަސައްކަތް ކުރައްވަމުންގެންދާ ކަމަށެވެ، އެހެންކަމުން އެމްޑިޕީގެ އާއްމު މެމްބަރުން ސަރުކާރާއި މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންދާކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ހަސަން ލަތީފު ތަކުރާރުކޮށް ވިދާޅުވީ، ސަރުކާރުން އެންމެ އިސްކަމެއް ދޭން ޖެހޭނީ އެމްޑީޕީގެ ސިޔާސަތާއި ފަލްސަފާތަކަށް ކުރިއަރުވަން ކަމަށެވެ އަދި ސަރުކާރުގައި އޮތް އެމްޑީޕީގެ 40 ޕަސެންޓު ހިއްސާ ވީހާ ވެސް ބޮޑުކޮށް ބޭނުންކުރެވެން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަސް އިއްޔެ ފާހަގަކުރި އިރު، އެ ޕާޓީ މިހާރު ވަނީ ދެ ފެކްޝަނަކަށް ބެހިފަ އެވެ، އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ތާއިދުކުރައްވާ ފެކްޝަނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުއަށް ތާއިދުކުރައްވާ ފެކްޝަނެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕާއި އެމްޑީޕީއަށް ނިސްބަތްވާ ގިނަ މިނިސްޓަރުންގެ ތާއީދު އޮތީ ރައީސް ސޯލިހު އަށެވެ. ނަޝީދުގެ ފެކްޝަން ފެންނަނީ ބަލިކަށިކޮށެވެ.

ކުރިން ވަރަށް ބޮޑަށް އެއްބައިވަންތަ ޕާޓީއެއްގެ ގޮތުގައި ފެނިފައި އޮތް، އެމްޑީޕީގެ ބައިބައިވުން ބޮޑުވެ، ލާފައިވާ ރެނދުތައް މިހާރު ވަނީ އާންމުންނަށް ފެންނަ ވަރަށް ތިލަވެފަ އެވެ. އެގޮތުން، އަހަރީ ދުވަހަށް ހާއްސަ ގައުމީ މަޖިލީހުގެ ޖަލްސާއެއް އިއްޔެ ބޭއްވިއިރު، އެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންފައި ނުވާކަން ފާހަގަކުރެވެ އެވެ.

މީގެ އިތުރުން އިއްޔެގެ ޖަލްސާގައި ސަރުކާރުގެ އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިނުގަންނަވަ އެވެ. އެމްޑީޕީގެ އެންމެ އިސް ސަފުގައި ޒަމާނުއްސުރެން ހަރަކާތްތެރިވަމުން ގެންދެވި މާރިޔާ އަހުމަދުދީދީ އާއި މުހައްމަދު އަސްލަމާއި ފައްޔާޒް އިސްމާއިލް ފަދަ ބޭފުޅުން ޕާޓީގެ އަހަރީ ދުވަހު މެމްބަރުންނަށް މަރުހަބާ ކިޔުއްވައި، އަމިއްލައަށް ޓުވީޓެއް ވެސް ނުކުރެއްވިކަން ގިނަ ބަޔަކު ވަނީ ފާހަގަ ކުރައްވާފަ އެވެ.