ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސްގައި ބައެއް ނޫސްވެރިންނަށް ސުވާލުކުރަން ފުރުސަތު ނުދީ ނޫސް ކޮންފަރެންސް ނިންމާލުމުން ޝަކުވާކުރަން ފަށައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން 5:30 ގައި ރައީސް ސޯލިހު ނިންމަވާލެއްވިއިރު ކިޔޫގައި އެތައް ނޫސްވެރިންނެއް ސުވާލުކުރުމުގެ ފުރުސަތަށް އެދިގެން މަޑުކޮށްގެން ތިއްބެވެ. ނަމަވެސް އެ ހުރިހާ ނޫސްވެރިންނަށް ފުރުސަތު ނުދެއްވައި ނިންމާލެއްވި އެވެ.

މީގެ ކުރިން ވެސް ރައީސްގެ ބައެއް ނޫސް ކޮންފަރެންސްގައި ބައެއް ނޫސްވެރިންނަށް ސުވާލުކުރަން ފުރުސަތު ނުދީ ނިންމާލުމުން ޝަކުވާކުރި އެވެ. އަދި ނޫސްވެރިން ޝަކުވާކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވެފައި ވަނީ ޖެހިގެން އޮންނަ ނޫސްކޮންފަރެންސްގައި ސުވާލުކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ. ނަމަވެސް މިއަދު ވެސް ނޫސްކޮންފަރެންސް ނިންމާލެއްވިއިރު އަމަލުކުރެއްވީ މީގެ ކުރިން ވެސް އަމަލުކުރެއްވި ގޮތަށް ބައެއް ނޫސްވެރިންނަށް ފުރުސަތު ނުދީ އެވެ.