ބެއިޖިންގް (29 ޖޫން) - ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ކާމިޔާބީ އިތުރަށް ދަމަހައްޓަން އެ ޕާޓީގެ އިސް ސަފަށް އާ ބަތަލުންތަކެއް ބޭނުންވާ ކަމަށް އެ ގައުމުގެ ރައީސް ޝީ ޖިންޕިންގް ވިދާޅުވެއްޖެ އެވެ.

ކޮރަޕްޝަން ނައްތާލުމަށް އިސްކަންދޭ ކަމަށް ފެންނަ ޝީ އިތުރަށް ވިދާޅުވީ ސަރުކާރުގެ ތެރޭގައި ހުރި ޖަރީމާތައް ފިލުވާލުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ އަންގާރަ ދުވަހު އެ ގައުމުގެ ގައުމީ ބަތަލުންނަށް އެވޯޑް ދިނުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި ޗައިނާއަށް އެކި ރޮނގުރޮނގުން ޚިދުމަތް ކޮށްދިން ފަރާތްތަކުގެ ޚިދުމަތް ފާހަގަކޮށް ވަނީ ހަނދާނީ ފިލާ ހަވާލުކޮށްފަ އެވެ.

މި ޖަލްސާއަކީ ޗައިނާގެ ކޮމިއުނިސްށޓް ޕާޓީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ.

މިފަހަކަށް އައިސް ޗައިނާއަށް އެމެރިކާގެ ފަރާތުން ގިނަ ފިއްތުންތަކެއް ކުރިމަތިވެފައިވާއިރު، އެ ގައުމުގެ ދާޚިލީ ކަންކަން ސަރުކާރުން ދަނީ ވަރަށް ރަނގަޅަށް ކޮންޓްރޯލް ކުރަމުންނެވެ.

އަންނަ ބުރާސްފަތި ދުވަހު ވެސް ޝީ ޖިންޕިންގް ގައުމާ މުޚާތްބު ކުރައްވަން ހަމަޖަހިފައިވާ ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް