އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ ކާރަކުން ބަނގުރާ ފެނުނު މައްސަލައެއްގައި، ކާރު މަޑުނުކޮށް ދިޔަ ދިއުމަކީ ކޯޓު އަމުރެއް ނެތި އެ ކާރު ފާސް ކުރެވޭނެ ސަބަބެއް ނޫން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މާލޭޭގައި ދުއްވާފައި ދިޔަ ކާރެއް ސައިކަލެއްގައި ޖެހި އެކްސިޑެންޓްވުމުން ވެސް މަޑުނުކޮށް ދުއްވާފައި ދަނިކޮށް ފުލުހުން އެ ކާރު ހުއްޓުވައި، އެވަގުތު ކާރު ފާސް ކުރިއިރު ބަނގުރާ އަޅާފައި ހުރި ތިން ފުޅި ކާރު ތެރެއިން ފެނުނެވެ.

ކޯޓު އަމުރެއްނެތި ފުލުހުންނަޑް އުޅަނދު ބަލައިފާސް ކުރެވޭނީ އެ އުޅަނދެއް ފާސްކުރަން އެކަށީގެންވާ ސަބަބެއް އޮތް ކަމަށް ފުލުހުންނަށް ގަބޫލު ކުރެވުމުންނެވެ. މަސްތުވާއެއްޗެއް ނުވަތަ ކުށެއް ކޮށްގެން ހޯދާފައިވާ މުދަލެއް އުޅަނދެއްގައި ހުރި ކަމަށް ބެލެވޭ ނަމަ، ކޯޓު އަމުރެއް ނެތި އުޅަނދެއް ފާސް ކުރެވިދާނެ ކަމަށް ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނެފައިވެ އެވެ.

އެކްސިޑެންޓުގައި މަޑުނުކޮށް ދިޔަ ކާރު ބަލައިފާސްކުރުމުގެ ތެރެއިން އެ ކާރުން ބަނގުރާ ފެނުމާއި ގުޅިގެން ފުުލުހުން ވަނީ ކާރުގައި ތިބި ހަތަރު މީހުން ހައްޔަރުކޮށްފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ހުކުމްކުރީ އެ ހަތަރު މީހުން ދޫކޮށްލުމަށެވެ. އެއީ ކާރު ފާސްކުރީ ކޯޓު އަމުރެއް ނެތި ކަމަށް ވުމާއި އެ އުޅަނދު ހުއްޓުވީ ގާނޫނާ ޚިލާފަށް ކަމަށް ވާތީ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ ކާރު ހުއްޓުވީ މަސްތުވާ އެއްޗެއްގެ ތުހުމަތެއް އޮވެގެން ނޫން ކަމަށެވެ. އަދި އެކްސިޑެންޓްވުމުން ކާރު މަޑުނުކޮށް ދިޔަ ދިއުމަކީ ކޯޓު އަމުރެއް ނެތި އެ ކާރު ފާސްކުރެވޭނެ އެކަށީގެންވާ ސަބަބެއް ނޫން ކަމަށް އެ ނިންމުމުގައިވެ އެވެ.

މީގެ އިތުރުން ދުއްވާފައިވާ ދާ އުޅަނދެއް ހުއްޓުވުމުގައި އަމަލު ކުރަންޖެހޭ އިޖްރައާތުތައް ފުލުހުން ފުރިހަމަ ނުކުރާ ކަމަށް އެ ނިންމުމުގައިވެ އެވެ. އެހެންވެ، އުޅަނދު ފާސް ކުރުމުގައި އަމަލުކުރި އިޖްރައާތު ގޯސްވެފައިވާތީ ކަމަށް ބުނެ އެ ނިންމުމުގައިވަނީ އެ ހަތަރު މީހުން ބަންދު ނުކުރެވޭނެ ކަމަށެވެ.