މޭ މަހުގެ ހަ ވަނަ ދުވަހު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގައި ހައްޔަރު ކުރި ފަސް ވަނަ މީހާގެ މައުލޫމާތު ހާމަކޮށްފި އެވެ.

ފުލުހުން ބުނީ ރައީސް ނަޝީދަށް ދިން ހަމަލާގައި ފަސް ވަނަ މީހެއް ގޮތުގައި ހައްޔަރު ކޮށްފައިވަނީ ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރީ މި މަހުގެ 11 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށާއި، އޭނާގެ ބަންދަށް 15 ދުވަސް ދިން ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ކުރީގެ ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި މީގެ ކުރިން ފުލުހުން ހައްޔަރު ކޮށްފައިވަނީ ހަތަރު މީހެކެވެ. އެއީ ވ. ތިނަދޫ ލަކީ، އަދުހަމް އަހްމަދު 25، އާއި، މއ. ފޭރުގެ، މުޖާޒް އަހުމަދު 21، އާއި، ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހްމަދު 32، ގެ އިތުރުން ލ. ގަން ދުންފިނިއުފާ، އަހްމަދު ފާތިހް 23، އެވެ.

ފުލުހުން ބުނީ އަދުހަމާއި، މުޖާޒް އަދި ތަހްމީންގެ ބަންދަށް މިމަހުގެ 22 ވަނަ ދުވަހު 30 ދުވަސް އިތުރުކޮށްފައިވާކަމަށެވެ. އަދި ފާތިހުގެ ބަންދަށް މިމަހުގެ 20 ވަނަ ދުވަހު ވަނީ 15 ދުވަސް އިތުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ބާރަށް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވާއިރު ރައީސް ސޯލިހު އިއްޔެ ވިދާޅުވީ ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ވަރަށް އަވަހަށް ފޮނުވިގެންދާނެ ކަމަށެވެ. އަދި މި މައްސަލާގައި އަށް މީހެއްގެ މައްޗަށް ތަހުގީގް ކުރެވެމުން އަންނަ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

މީގެ އިތުރުން މަޖިލީހުގެ 241 ކޮމެޓީއިން މިމައްސަލާގެ އިންކުއަރީއެއް ކުރިއަށްދާއިރު މިކަމުގެ ފުރަތަމަ ޓްރާފް ވަނީ އެކުލަވާލެވިފަ އެވެ.

މިހަމަލާގައި ލިބުނު އަނިޔާތަކަށް ޖަރުމަނުވިލާތު ރައީސް ނަޝީދު އަންނަނީ ފަރުވާ ހޯދަމުންނެވެ.