ކްރިމިނަލް ކޯޓުގެ ހުރުމަތް ފުލުހަކު ކަނޑާލުމާ ގުޅިގެން ފުލުހުންގެ މުއައްސަސާ 3،000 ރުފިޔާއިން ޖޫރިމާނާކޮށްފި އެވެ.

އެ ފިޔަވަޅު އެޅީ އެއީ ޝަރީއަތުގެ ހުރުމަތް ކެނޑުމުގެ މައްސަލައެއް ކަމަށް ބެލުމަށް ފަހު އެވެ. ފުލުސް މީހާއަށް ފިޔަވަޅު އެޅީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ހާޒިރުކުރި މަޖިލީހެއްގަ އެވެ.

ފުލުހުންގެ އޮފިސަރު ޝަރީއަތުގެ މަޖިލީހުގައި ހުންނެވިއިރު އޭނާ އެއްޗެއް ކަމުންދާ ކަން ފާހަގަ ކުރެވިގެން ގާޒީ ދީބާނާޒު ފަހްމީ ވަނީ އަނގަ ސާފު ކޮށްގެން ޝަރީއަތުގެ މަޖިލީހަށް އެނބުރި އައުމަށް އަންގަވާފަ އެވެ. ގާޒީ އެގޮތަށް އެންގެވުމުން އޭނާ ބޭރަށް ނުކުމެ އަނގަ ސާފު ކުރުމަށް ފަހު އެނބުރި ޝަރީއަތުގެ މަޖިލީހަށް ވަދެ އެތަނުގައި އިރުކޮޅަކު އިނދެފައި ނުކުމެގެެން ދިޔައީ އެވެ. ނުކުންނަމުން ގާޒީގެ ހުއްދަ ހޯދާފައެއް ނުވެ އެވެ.

އޭނާ އެގޮތަށް އަމަލު ކުރުމުން ގާޒީ ނިންމެވީ އަދަބެއްގެ ގޮތުގައި ފުލުހުންގެ އިދާރާ 3،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށެވެ. ކޯޓުގެ ހުރުމަތް ކަނޑާ މައްސަލަތަކުގައި 15 ދުވަހަށް ޖަލަށް ލުމާއި، އެއްމަސް ދުވަހަށް ގޭބަންދު ކުރުމާއި، 10،000 ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކު ޖޫރިމަނާކުރުމުގެ އިހްތިޔާރު ގާޒީއަށް ލިބިގެންވެ އެވެ.