ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާ އަކީ ތިން މިލިއަން ޑޮލަރުގެ ޓާސްކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.
އިލްޔާސް ލަބީބާ ހަވާލާދީ "މެއި ހައެއް" ކޮމިޓީގެ މުގައްރިރު، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެކަން ރައީސް ނަޝީދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ އެކަން ހިއްސާ ކުރެއްވި ކަމަށެވެ.
އަފީފް ވިދާޅުވިގޮތުގައި ރައީސް ނަޝީދަށް ހަމަލާދޭން އުޅޭކަން އިލްޔާސަށް އެންގީ އޭނާގެ ރައްޓެއްސެކެވެ. އިލްޔާސާ ބައްދަލުކޮށް އެކަމަށް ތިން މިލިއަން ޑޮލަރު ދީފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމީހާ ބުނެފައިވާ ކަމަށް އަފީފް ވިދާޅުވި އެވެ.
"އަދި އެރޭ ބައްދަލުކުރުމަށް އެދިވަޑައިގެންނެވިކަމާއި، އަދި އެއީ ވަރަށް މުހިންމު އާޖެންޓުކަމެއްގައި ކަމަށް ވިދާޅުވުމުން 11:30 ގައި އެ މީހާއާ އިލްޔާސް ބައްދަލު ކުރި. ބައްދަލު ކުރީމާ އޭނާ ވިދާޅުވި ރައީސް ނަޝީދު އަވަހާރަށްކޮށްލުމަށް ތިން މިލިއަން ޑޮލަރުގެ ޓާސްކެއް ދީފިކަމަށް. އަދި މި ޓާސްކު މިހާރު ހިނގަމުންދަނީ އެޑްވާންސް ޕޭމަންޓު ދިނުމުގެ ކަންތައްތައް ކަމަށް،" އަފީފް ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ހަމަލާދިނުމަށް ރާވާފައިވަނީ ހަރުކަށި ފިކުރުގެ މީހުންގެ ސިކުނޑި ދޮވެލައިގެން ކަމަށް އިލްޔާސްގެ ރައްޓެހިމީހާ ވަނީ މައުލޫމާތު ދީފަ އެވެ. ރައީސް ނަޝީަށް އެކަން އެންގުމުން މިނިސްޓަރު މާރިޔާއާ ހިއްސާ ކުރައްވަން ދެންނެވި ކަމަށް ވެސް އިލްޔާސާ ހަވާލާދީ އަފީފު ވިދާޅުވި އެވެ.
"...ދެން މޭ ހަތަރު ވަނަ ދުވަހުގެ ހެނދުނު ހަތެއް ޖެހިއިރު މަރިޔާ ގުޅުއްވާފައި އޮތްކަމާއި އިލްޔާސް މާރިޔާއަށް ގުޅައި އެ މައުލޫމާތު ދެންނެވި. ދެން މާރިޔާ ދެންނެވީ ރައީސް ނަޝީދުގެ ސެކިއުރިޓީ ލެވެލް ހުރީ އެންމެ ހައެސްޓު ލެވެލްގައި ކަމަށް،" އަފީފް ވިދާޅުވިއެވެ.
މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ ރައީސް އަލީ ޝާމް ވަނީ އިލްޔާސާ ގުޅޭގޮތުން ސުވާލު ކުރައްވާފަ އެވެ. އެގޮތުން ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅުނު ކަމުގެ މައުލޫމާތު ލިބިހުރެ، އެކަން ފުލުހުންނަށް ނޭންގީ ކީއްވެތޯ ސުވާލު ކުރެއްވި އެވެ. ނަމަވެސް އެ ސުވާލަށް ސާފު ޖަވާބެއް ނުދެވުނެވެ.
ރައީސް ނަޝީދަށް ހަމަލާދިނުމުގައި އެމްޑީޕީ އާއި ސަރުކާރުގެ އިހުމާލު އޮތް ކަމުގެ ކަންތައްތައް ދަނީ ހާމަވަމުންނެވެ.
ތިމައުލޫމާތާ ގުޅިގެން ވަށައިގެންވާ މީހުން ކަން ކޮށްފަ ތިވަނީ ވަރަށް ދޯހަޅިކޮށް. ޝައްކެއްނެތް މިންވަރަށް ތިކަމުގާ އިހުމާލު ވެފާ ތިވަނީ.
ތިޔައީ ދޮގެއްހެން ހާދަ ހީވެޔޭ.ޚަރަދުކުރި މީހާ ހައްޔަރު ކުރޭ.
އަޅުގަނޑަށް ޤަބޫލް ކުރެވޭގޮތުގަ އިއްޒަތްތެރި މެމްބަރު ޢިލްޔާސް ލަބީބުގެ ބަޔާނުން އޭނާއާއި މިކަމާއި ވަރަށްބޮޑު ގުޅުމެއް ވާކަމަށް ލަފާކުރެވޭ. އަވަހަށް އެބުނުންވާ އެކުވެރިޔާ ހައްޔަރުކޮށް ތަހުގީގު ކުރަނިކޮން ފަންޑުކުރިފަރާތްތައް ހޯދޭނެ. ވީމާ އަވަހަށްއެކަން ކުރަންޖެހޭ.