ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގައި ލިބުނު އަނިޔާތަކަށް އިތުރު ފަރުވާ ހޯދުމަށް އިނގިރޭސިވިލާތަށް ވަޑައިގަންނަވައިފި އެވެ.

މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ ގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް މިހާރު ފަރުވާ ހޯއްދަވަމުން ގެންދެވީ ޖަރުމަނުގަ އެވެ. އެހެން ނަމަވެސް މިއަދު ވަނީ ކުރީގެ ރައީސް ނަޝީދު އިތުރު ފަރުވާ ހޯދެއްވުމަށް އިނގިރޭސިވިލާތަށް ވަޑައިގަތްފަ އެވެ.

މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ޖަރުމަންވިލާތުގައި ކުރީގެ ރައީސް ނަޝީދު ފަރުވާ ހޯދަމުން ގެންދެވިއިރު އެމަނިކުފާނުގެ ބައެއް އޮޕަރޭޝަންތައް ކުރައްވާފައި ވެއެވެ. އަދި އިތުރު އޮޕަރޭޝަންތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމަނިކުފާނުގެ އާއިލާއިން ބުންޏެވެ.

ރައީސް ނަޝީދު އިތުރު ފަރުވާއަށް އިނގިރޭސިވިލާތަށް ގޮސްފައިވާއިރު މިމަހު ފަސް ވަނަ ދުވަހު މަޖިލީހުން ކުރިއަށްގެންދާ "އާކްސް ސްޕީކަރު" ޕްރޮގްރާމްގެ ދެ ވަނަ ބައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ. މިފަހަރުގެ ޕްރޮގުރާމް ކްލަބް ހައުސް މެދުވެރިކޮށް ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.

ނަޝީދުގެ ހާލުކޮޅު ރަނގަޅުވަމުން އައި ނަމަވެސް އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް އިނގިފައިނުވާއިރު މިހަމަލާއާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުންގައި އަށް މީހަކު އެބަ ތިބި ކަމަށް ފުލުހުން ހާމަކުރެ އެވެ. އަދި ތަހުގީގު ބާރަށް ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވިގެންދާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ރައީސް އޮފީހުން ކުރިއަށް ގެންދިޔަ އިންޓެލިޖެންސް އިންކުއަރީގެ ރިޕޯޓް ނިންމާ މިހާރު ވަނީ ރައީސް ސޯލިހަށް އަރުވާފަ އެވެ. މީގެ އިތުރުން މަޖިލީހުގެ 241 ކޮމެޓީއިން ކުރިއަށް ގެންދާ އިންކުއަރީގެ މަސައްކަތްވެސް ވަނީ ނިމުމާގާތަށް ގޮސްފަ އެވެ.