މިދިޔަ ސަރުކާރުން ހުޅުމާލޭ ފޭސް ދޭއްގައި ތަރައްގީކުރި ހިޔާ ފްލެޓްތަކަށް ހޮވުނު ފަރާތްތަކުގެ ތެރެއިން ދުވާލަކު ސޮއިކުރާނީ 300 މީހުންގެ އެގްރީމެންޓްގައި ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބުނެފި އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހެއިން އަހުމަދު" ވަގުތު" ނޫހަށް ދިން އިންޓަވިއެއްގައި ވިދާޅުވީ، އެގްރީމެންޓް ސޮއިކުރެވޭ ހިސާބުން ފެށިގެން ތަޅުދަނޑި ހަވާލުކުރާނެ ކަމަށެވެ. ހިޔާ ފްލެޓުތަކަށް ހޮވިފައިވާ ފަރާތްތަކުގެ އެގްރީމެންޓުގައި ސޮއިކުރަން ހަމަޖެހިފައި ވަނީ މިމަހު 14 އިން ފެށިގެންނެވެ. އެގްރީމެންޓް ގައި ސޮއިކުރުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ 30 ދުވަހުގެ މުއްދަތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސުހެއިލް އިތުރަަށް ވިދާޅުވީ، އެގްރީމެންޓުގައި ސޮއިކުރުން ކުރިއަށް ގެންދަނީ ހުޅުމާލޭ ސްކޫލެއްގައި ކަމަށެވެ. ފްލެޓްތަކަށް ކަރަންޓުލުމުގެ އިތުރުން ނުނިމި ހުރި މަސައްކަތްތައް ނިންމަން ދީފައިވަނީ ތިން މަހުގެ މުއްދަތެކެވެ.

ނިމިދިޔަ ހަފްތާގައި ފްލެޓްތަކުގެ ވެރިން ވަނީ ފްލެޓްތަށް ބަލައިލަން ގޮސްފަ އެވެ. ފްލެޓްތައް ބަލާލަށް އާންމުންނަށް ހުޅުވާލަފާއިވަނީ މާދަމާއާ ހަމަޔަށެވެ. ފްލެޓުތައް ދެއްކުމަށް ހުޅުވާލުމުގެ މަގުސަދަކީ ފުލެޓު ލިބިފައިވާ ފަރާތްތަކުން، ފުލެޓު އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އެފަރާތަކަށް ލިބިފައިވާ ފުލެޓު ބަލައި، ފުލެޓަށް ވަނުމަށް ކުރަންޖެހޭ މަސައްކަތްތުގެ އަންދާޒާއެއް ހެދުމަށާއި، ވާންޖެހޭ ތައްޔާރީތަކަށް ބޭނުންވާނެ ފުލެޓުގެ މިންތައް ނެގުމަށް ފުރުސަތު ދިނުމެވެ.

ކުރީގެ ހައުސިން މިނިސްޓަރުގެ އަދި މިހާރު މާލޭގެ މޭޔަރު މުހައްމަދު މުއިއްޒު ވަނީ ފްލެޓްގެ އަގު 5،500 ރުފިޔާއަށް ކުޑަކޮށްދޭން ސަރުކާރުގައި އެދިވަޑައިގެންފަ އެވެ. މިހާރު ކަނޑައަޅާފައިވާ 7،500 ރުފިޔާއަކީ ނެގެން އޮތް އެންމެ ކުޑަ އަގު ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.