ބަޔަކު ރަހީނުކޮށް، މަރާލާފައި އޮތްވައި ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް މިއަދު އިންޑިއާއަށް ފޮނުވަން ނިންމައިފި އެވެ.
ފުލުހުން ބުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގެ ރޭ ދަންވަރު ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ މޫދު މަރާލާފައި އޮއްވާ ފެނުނު 13 އަހަރުގެ ކުއްޖާ ހަށިގަނޑު މިއަދުގެ ވަގުތެއްގައި އިންޑިއާއަށް ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.
ކުއްޖާ މަރުވި ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހަދަނީ އެ ކުއްޖާގެ އާއިލާގެ ވެސް ރުހުމާއެކު ކަމަށް ވެސް ފުލުހުން ބުންޏެވެ. އެކަމަކު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް މި ފަހުން ގެނައި އިސްލާހުގައިވާ ގޮތުން އާއިލާގެ ރުހުމާ ނުލައި ވެސް ޕޯސްޓްމޯޓަމް ހެދުމުގެ ބާރު ފުލުހުންނަށް ލިބެ އެވެ.
ކުއްޖާ މަރާލި މައްސަލައިގައި މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ އިބްރާހިމް ޒިހާން، 27 އާއި 17 އަހަރުގެ ފިރިހެން ކުއްޖެކެވެ.
އޭގެ ތެރެއިން 27 އަހަރުގެ މީހާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އަދި 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ.
އެ މީހުންގެ މައްޗަށް ފުލުހުން ވަނީ ގަސްދުގައި މީހަކު މެރުމުގެ ތުހުމަތާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކޮށްފަ އެވެ.