މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރްސީީ)ގެ ހިޔާނާތުން މަންފާވި ކަމަށް ބުނެ އެމަނިކުފާނުގެ މައްޗަށް ދައުވާކުރަން ފޮނުވީ ހިޔާނަތް ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނަށް ރައްޔިތުންގެ އިތުބާރު ހޯދަންކަމަށް މަގާމުން ސަސްޕެންޑްކޮށްފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވާފިއްޔާ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވި ކަމަށެވެ. އެކަން ފާހަގަކުރައްވާ ކްލަބްހައުސްގައި ރޭ ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ، އެމްޑީޕީން އޭނާއަށް ދެރަގޮތެއް ނުހަދާނެ ކަމަށެވެ. ނަމަވެސް އޭނާ މަގާމުން ދުރުކުރަން "ސިޔާސީ ގޮތުން ޖަހާ ކޮންމެ ބޮނޑިއަކަށް، ބޮނޑިއެއް އެނބުރި ޖަހާނެ" ކަމަށެވެ.

މަހްލޫފް ވިދާޅުވީ، ކޮރަޕްޝަން ބަލަން އުުފެއްދި ރިޔާސީ ކޮމިޝަނަށް ދެ އަހަރު ވެގެން ދިޔައިރު ވެސް ކުރެވުނު ކަމެއް ނެތް ކަމަށެވެ. އަދި އެމްއެމްޕީއާރުސީގެ މައްސަލަ ބޭނުން ކުރަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައިކަން ސިފަކުރެއްވި އެވެ.

"ދައުވާ ކުރަން ފޮނުވައިގެން އުޅެނީ ސިޔާސީ ގޮތުން. ސިޔާސީ ގޮތުން ޖަހާ ބޮނޑިއަކަށް އަޅުގަނޑު ގުޑާނެ ކަމަށް އެބޭފުޅުން ހީކުރަނީ. އެކަމަކު އެގޮތަށް އަޅުގަނޑު ނުގުޑާނެ. ޖަހާ ކޮންމެ ބޮނޑިއަކަށް އަޅުގަނޑު ވެސް ޖަހާނަން،" މަހްލޫފް ވިދާޅުވި އެވެ.

ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީއަށް ވެސް މަހްލޫފް ވަނީ ތުހުމަތުތަކެއް ކުރައްވައިފަ އެވެ. އެގޮތުން މަހްލޫފް ވިދާޅުވީ، އެމްއެމްޕީއާރްސީ ހިޔާނާތުގެ ތަހުގީގަށް ރައްޔިތުންގެ މަޖިލީހުގެ ޖޮންއިންޓް ކޮމިޓީގައި ތިއްބަވާ އެމްޑީޕީ މެމްބަރުން ނުފޫޒު ފޯރުވާ ކަމަށެވެ. އަދި ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅުވައި އޭނާއަށް ކުރަން ފޮނުވާފައި ވަނީ ސިޔާސީ ދައުވާއެއް ކަމަށެވެ. އެގޮތަށް ސިޔާސީ ދައުވާކުރަން ޕްރެޝަރު ކުރަމުންދަނީ މަޖިލީހުން ކަމަށް ވެސް މަހްލޫފް ތުހުމަތު ކުރެއްވި އެވެ.

ހިޔާނާތާ ގުޅުވައި ސިޔާސީ ދައުވާއެއް ކުރަން ފޮނުވީ ކުޅިވަރުގެ އިންތިހާބުގެ ތެރެއިން ފެންމަތިވި މައްސަލައަކާ ގުޅިގެން ކަމަށް ބެލޭވޭ ކަމަށް ވެސް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ. އެ އިންތިހާބުގައި ޖެހުނު މައްސަލައަށްފަހު އެމްޑީޕީ މެމްބަރުން އޭނާ މަގާމުން ދުރުކުރަން މަސައްކަތް ކުރައްވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މީގެ ކުރިން މަހްލޫފް ވިދާޅުވެފައި ވަނީ ހިޔާނާތުގެ ދައުވާ ކުރަން ފޮނުވިއިރު އެ ދައުވާއާ ގުޅޭ ހެކިތަށް ހޯދީ ގާނޫނާ ހިލާފަށް ކަމަށެވެ.

ދައުލަތުން ވަނީ މަހްލޫފްގެ މައްޗަށް ދެ ދައުވާއެއް ކުރަން ފޮނުވައިފަ އެވެ. އެއީ ކޮރަޕްޝަނުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ. ދައުވާތަށް އުފުލީ ފުލުހުންނާއި އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަންގެ އިތުރުން ޕީޖީ އޮފީސް ގުޅިގެން ހިންގާ ތަހުގީގަށް ފަހު އެވެ. އެ ދެ މައްސަލަ ވެސް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. ޕީޖީ އޮފީހުން އެ މައްސަލަ އަނބުރާ ފޮނުވާލީ ބައެއް ކަންކަން އިސްލާހު ނުވެ ހުރުމުގެ ސަބަބުން އެކަންކަން އިސްލާހުކުރުމަށެވެ.

ޖޮއިންޓް އިންވެސްޓިގޭޝަނަށް ފަހު މަހްލޫފަށް ދައުވާކުރަން ފޮނުވުމުން އެކަމަށް ރައްދު ދެއްވާ މަހްލޫފް ވިދާޅުވެފައި ވަނީ، އެމްއެމްޕީއާރުސީ ކޮރަޕްޝަނާ ގުޅުވައި އޭނާ އަށް ތުހުމަތު ކުރަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެ މަގާމުން ދުރު ކުރުމުގެ ބޭނުމުގައި ކަމަށާއި އަނގަ ބަންދުކޮށްގެން ހުރެ ވަރުބަލި ވެއްޖެ ކަމަށާއި، ދެން ދެން އަނގަ ބަންދުކޮށްގެން ނުހުރެވޭނެ ކަމަށެވެ.

ފެށުނީއްސުރެ އެމްއެމްޕީއާރްސީ މައްސަލައިގައި އޭނާއާ މެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް ސިޔާސީ ގޮތުން ކަތިލާން ނިންމާފައިވާ ކަންބަޅިއެއްގެ ގޮތުގައި ކަމަށާއި އަދި އެގޮތަށް އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގައި ތިިބެގެން އޭނާ މިނިސްޓަރުގެ މަގާމުން ވަކިކުރުމުގެ ބޭނުމުގައި ކަމަށް ވެސް އެފަހަރު މަހްލޫފް ވަނީ ވިދާޅުވެފަ އެވެ. އެގޮތަށް އޭނާއާ މެދު އަމަލުކުރައްވާ މީހުންނަށް ނުވިސްނެނީ އޭނާއަކީ މިނިސްޓަރުކަމުގެ މަގާމުގައި ބަގުޑިބައްދައިގެން ހުންނާނެ މީހެއްކަން ނޭގޭތީ ކަމަށް ވެސް މަހްލޫފް ވަނީ ކުރިިން ވިދާޅުވެފަ އެވެ.

އޭސީސީން މަހްލޫފަށް ތުހުމަތުކުރީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމުގެ ގޮތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ނެގި ކަމަށެވެ. މަހްލޫފަށް ރިޝްވަތުގެ ގޮތުގައި ލިބުނު އެ ފައިސާއަކީ އެމްއެމްޕީއާރްސީ ފައިސާކަމަށް އޭސީސީން ވަނީ ބުނެފަ އެވެ