ދައުލަތަށް ދައްކަންޖެހޭ އާމްދަނީން ނަގާ ޓެކުސް މައާފުކޮށްދިނުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް ސަރުކާރުން އާމްދަނީން ޓެކްސް ނަގާ ބިލަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލިސް ކޮމިޓީން ފާސްކޮށްފި އެވެ.

އާމްދަނީން ނަގާ ޓެކްސްގެ ގާނޫނަށް އިސްލާހު ގެނައުމަށް އިސްލާހު ގެނައުމަށް ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ހުށަހެޅުއްވި ބިލަށް ބަހުސްކޮށް މުލީ މަޖިލީހުގެ ކޮމެޓީގައި މިއަދު ނެގި ވޯޓުގައި ފެންނަ ކަމަށް 27 މެމްބަރަކު ވޯޓު ވަނީ ދީފަ އެވެ. ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.

ބިލުގައި ވާގޮތުން ވަކި ވިޔަފާރި މަޝްރޫއުތަކަކުން ނުވަތަ ދާއިރާތަކަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާ ކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ދާނެ އެވެ އެގޮތަށް އިސްތިސްނާ ދެވޭނެ މުއްދަތު ގާނޫނަކުން ކަނޑައެޅުމުގެ ބަދަލުގައި އެ ބާރު ސީދާ ރައީސަށް ލިބި ދޭނެ އެވެ. ހަމަ އެހެންމެ އިސްތިސްނާ ކުރެވޭނެ މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ޖެހޭނީ ވަޒީރުންގެ ލަފާ ހޯދައިގެނެވެ.

އާމްދަނީން ނަގާ ޓެކްސްގެ އިސްލާހުގައި ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން މިހާރު ނަގަމުންދާ 10 ޕަސެންޓް ވިތުހޯލްޑިން ޓެކުސް ނުނަގަން ވެސް މިއަދު ފާސްކުރި އެވެ.

މިކަމާ ގުޅިގެން އިދިކޮޅު މެންބަރުން ވަނީ މަޖިލީހުގައި ބިލުގައި ހިމެނޭ ކަންކަމާމެދުގައި ފާޅުކުރައްވާފަ އެވެ. ބިލާ މެދުގައި ކަންބޮޑުވުން ފާޅުކުރައްވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ވިތު ހޯލްޑިން ޓެކްސް ނެގުން ހުއްޓާލުމުން ރާއްޖޭގައި ކޮންސްޓްރަކްޝަންގެ ސިނާއަތުގައި މަސައްކަތް ކުރާ ދިވެހި ކުންފުނިތައް ބިކަ ވެދާނެ ކަމަށެވެ.

ބިލާމެދު އެންމެ ފަހުގެ ގޮތް ގޮތް ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ނެވެ.