2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިހާރު ކުރިއަށްދާ "އާސްކް ސްޕީކާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމަށް ކުރައްވާ މަސައްކަތް ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ނަމަވެސް އެމަނިކުފާނު ވިދާޅުވީ 2023ގެ ރިޔާސީ އިންތިހާބު ބޭއްވުމަށްވުރެ ގައުމަށް އެންމެ ބޭނުންތެރިކަމަކީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުން ކަމަށެވެ. އަދި 2024 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުން ވަރަށް ބޭނުންތެރި ކަމަށް ވިދާޅުވި އެވެ. އެއީ ރާއްޖޭގެ ތަރައްގީގެ ދުވެލި ހަލުވި ހުރިހާ ގޮތަކުންވެސް ގައުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށްވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

"އާސްކް ސްޕީކާ" ޕްރޮގްރާމްގައި ރައީސް ނަޝީދު ލަންޑަނުގައި ހުންނަވައިގެން މިރޭ އާއްމުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ: މަޖްލިސް

ނަޝީދު ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ކުރައްވާ މަސައްކަތް ކާމިޔާބުވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ ޖަވާބާ ވިދިގެން ރައީސް ސޯލިހު 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ނަމަ ތާއީދުކުރައްވާނެތޯ "ހުރިހާ" އިން ސުވާލުކުރުމުން ވަރަށް ކުރުކޮށް ރައީސް ނަޝީދު ވިދާޅުވީ "އާދެ" ކަމަށެވެ. އެ ސުވާލާ ގުޅިގެން އިތުރަށް ވާހަކައެއް ނުދެއްކެވި އެވެ.