ކުރީގެ ސަރުކާރުން ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓްތަކިގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް ފަސޭހަކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި "ހިޔާ 7000 ޕޯޓަލް" ގައި ރަޖިސްޓްރީވުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (އެޗްޑީސީ) އިން އެދެފި އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހިޔާ ފުލެޓްގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންކަން ފަސޭހަ ކަމާއެކު ކުރިއަށް ގެންދިޔުމަށް "ހިޔާ 7000" ޕޯޓަލްގައި ފްލެޓް ލިބުނު ފަރާތްތަކުން އެކައުންޓެއް ހުޅުވުމަށް އެދޭ ކަމަށެވެ.

މިޕޯޓަލުގެ ސަބަބުން ހިޔާ ފްލެޓު ލިބުނު ފަރާތްތަކަށް އެކުންފުންޏަށް ލިޔެކިޔުންތައް ހުށަހެޅުމަށް ފަސޭހަ ވެގެންދާނެ ކަމަށާއި ކޮވިޑާ ގުޅިގެން ކުރިމަތިވެދާނެ ހުރަސްތަކާ އެކު ވެސް އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުން ކަމަށް މަގުފަހިވެގެންދާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

އެޗްޑީސީން އެދިފައި ވަނީ އެ މީހަކަށް ފްލެޓް ލިބުނު ކެޓަގަރީއަކުން އެއްބަސްވުމުގައި ސޮއިކުރަން ބޭނުންވާ މައުލޫމާތު ފޯމު ފުރިހަމަ ކުރުމަށާއި ފްލެޓް ލިބުނު މީހުންގެ އައިޑީ ކާޑުގެ ކޮޕީ ހުށަހެޅުމަށާއި ފްލެޓް ލިބުނު މީހުން އެއްބަސްވުމުގައި ސޮއިކުރާ ފަހުން މަރުވެއްޖެ ނަމަ، ނުވަތަ ބުއްދިއަށް އުނިކަމެއް އަތުވެއްޖެ ނަމަ، އެ މީހެއްގެ ވާރިސުން ސާބިތު ކުރެވެންދެން، އެ މީހެއްގެ ބަދަލުގައި ފްލެޓްގެ ޒިންމާ އުފުލާނެ މީހަކާ ގުޅޭ މައުލޫމާތު ވެސް ހުށަހެޅުމަށެވެ.

އެޗްޑީސީން ވަނީ ފްލެޓް ބަދަލުކުރަން ބޭނުންވާ މީހުން ވެސް އެ ބަދަލުކުރާ ފްލެޓަކާ ގުޅޭ މައުލޫމާތު ހިއްސާކުރަން އެދިފަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި ފްލެޓް ބަދަލުކުރުމަށް ކޮންމެ މީހަކަށް ވެސް ދެވޭނީ އެންމެ ފުރުސަތެކެވެ. އެއް ފޯމަށް ވުރެ ގިނައިން އެކަކު ހުށަހަޅައިފި ނަމަ ފޯމުތައް ބާތިލުވާނެ ކަމަށް ވެސް ބުނެ އެވެ.

މިމަހުގެ ސާދަ ވަނަ ދުވަހު ހިޔާ ފްލެޓުގެ އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާއިރު އެއްވެސް ސަބަބަކާ ހުރެ ފްލެޓް ލިބުނު މީހާ އަށް ފްލެޓް ވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރަން ހާޒިރު ނުވެވިއްޖެ ނަމަ ބަދަލުގައި ސޮއިކުރާނެ މީހެއްގެ މައުލޫމާތު ވެސް ދޭން ޖެހޭނެ ކަމަށް އެޗްޑިސީއިން ބުންޏެވެ. އަދި ސައްހަ ނޫން މައުލޫމާތު ނުވަތަ މައުލޫމާތު ފުރިހަމަ ނުކޮށް ހުރި ނަމަ، "ޕަވާ އޮފް އެޓާނީ" ބާތިލުކުރާނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނި ގޮތުގައި އެ މައުލޫމާތު ފޯމު އޮންލައިންކޮށް ހުށަނޭޅޭ ނަމަ އެމީހުންގެ ފޯމު ބަލައިގަންނާނީ ހުރަވީ ސްކޫލުގެ ހޯލުގަ އެވެ. އެކަމަކު ކޮވިޑާ ގުޅިގެން އެޗްޑީސީން އެދިފައި ވަނީ ވީހާ ވެސް ގިނަ ބަޔަކު ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށެވެ.

އެޗްޑީސީން ބުނީ މިހާތަނަަށް ގުރުނަގައި ނިމިފައި ނުވާ މީހުންނަށް، ފްލެޓް ގުރުއަތުލާ ނިމުމުން، ވަކިން މި ފުރުސަތު އެ މީހުންނަށް ވެސް ހުޅުވައިލާނެ ކަމަށެވެ. އަދި ތާވަލާ އެއްގޮތަށް އެއްބަސްވުމުގައި ސޮއިކުރަން ނާދެވޭ މީހުންނާއި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭނުންވާ މައުލޫމާތުތައް ދީފައިވާ މުއްދަތަށް ހުށަހަޅާފައި ނުވާ މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރާނީ އެހެން އެންމެންގެ އެއްބަސްވުންތަކުގައި ސޮއިކޮށް ނިމުމުން ކަމަށްވެސް އެޗްޑީސީއިން ހާމަކުރެ އެވެ.