ޒިކުރާ މިސްކިތް އަޅަން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރުމުގައި ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރާ ދެކޮޅަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދެން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުން މިއަދު އެގޮތަށް ފާސްކުރީ އިސްލާމިކް މިނިސްޓްރީގެ ހަތް އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓްތަކާއި އެ މިނިސްޓްރީގެ ޓްރަސްޓް ފަންޑުތަކުގެ ހާއްސަ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށް ފަހު އެވެ. މާލިއްޔަތު ކޮމިޓީން އެކުލަވައިލި ރިޕޯޓުގައި ލަފާ ދީފައި ވަނީ ޒިޔާދާ ދެކޮޅަށް ދައުވާކުރެވޭ ވަރަށް ހެކި ހުރި ނަމަ ދައުވާކޮށްދޭން އެދުމަށެވެ.

އެ ރިޕޯޓު މަޖިލީހުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެމްބަރުންގެ އިއްތިފާގުންނެވެ. ރިޕޯޓްގެ ނިންމުންތަކުގެ (5.9) ގައި ބުނެފައި އޮތީ ޒިކުރާ މިސްކިތުގެ މަޝްރޫއު އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި އެއްބަސްވުމުގެ ދަށުން އިކުއިޓީގެ ގޮތުގައި އެ ކުންފުންޏަށް ދައުލަތުން 30 މިލިއަން ރުފިޔާ ދީފައި ވާއިރު، އެކަމުން ދައުލަތަށް އެއްވެސް ފައިދާއެއް ވެފައިނުވާ ކަމަށެވެ.

ޒިޔާދަށް ދައުވާކުރަން ފެންނަ ކަމަށް ކޮމިޓީން ބުނީ، ޒިކުރާ މިސްކިތުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރިކަމުގެ ލިޔުމުގައި ސޮއިކުރީ ޒިޔާދު ކަމަށް ވުމުންނެވެ. އެ ލިޔުމުގައި ޒިޔާދު ސޮއިކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު ގެއްލުމެއްވެފައިވާ ކަމަށާއި އެކަމުގައި ޒިޔާދު މަސައްކަތް ކުރެއްވީ އެސްޖޭ އަށް ނާޖާއިޒު ފައިދާއެއް ހޯދައިދޭން ކަމަށް ތުހުމަތު ކުރެވޭ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އިސްލާމިކް މިނިސްޓްރީގެއިސްލާމިކް މިނިސްޓްރީގެ އެންޑޯސްމެންޓް ސެކްޝަނުގެ ވެރިޔަކަށް އޭރު ހުންނެވި އަބްދުﷲ ސައީދުގެ މައްޗަށް ދައުވާ ކުރައްވަން މަޖިލީހުން ނިންމި އެވެ. ނަމަވެސް އޭނާއާ ދެކޮޅަށް ދައުވާ ކުރެވޭވަރަށް ހެކި ލިބިފައިނުވެ އެވެ. މީގެ އިތުރުން އޭނާ ވަޒީފާ އިން ވަކިކޮށްދޭން އިސްލާމިކް މިނިސްޓްރީން ސިވިލް ސާވިސް ކޮމިޝަނުގައި އެދިފައި ވީ ނަމަވެސް ވަކިނުކޮށް ހުރުމުން، ވަކިކޮށްދޭން އެ ކޮމިޝަނަށް އަންގަން ވެސް ރިޕޯޓްގައި ލަފާދީފައި ވެ އެވެ.

މާލިއްޔަތު ކޮޮމިޓީގެ ރިޕޯޓްގައިވާ ނިންމުންތަކުގެ (5.8) ގައި ބުނެފައިވާ ގޮތުގައި ރިކްޒާ މިސްކިތް އިމާރާތްކުރަން އެސްޖޭ ކޮންސްޓްރަކްޝަނުން ޕްރޮޕޯސަލް ހުށަހެޅި އިރު އޭގައި ހިމަނާފައި އޮތީ އެ މިސްކިތް އިމާރާތްކުރަން ރައީސް އޮފީހުން ބުނެފައިވާ ހަމަ އެކަނި ގޮތެވެ. ޕްރޮޕޯސަލްގައި ހިމަަނަން އެ މައުލޫމާތު އޭސްޖޭއަށް ދިނީ އެންޑޯސްމަންޓް ސެކްޝަނުގެ ވެރިޔާ އަބްދުﷲ ސައީދު ކަމަށަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ރިޕޯޓްގައި ބުނެ އެވެ.

އަދި މިސްކިތް އަޅަން ފިނޭންސް މިނިސްޓްރީން ތައްޔާރުކޮށްފައިވާ އިވެލުއޭޝަން ރިޕޯޓުގައިވާ އޮޕޮޗުނިޓީ ކޮސްޓްގެ މައުލޫމާތު ވެސް އަބްދުﷲ ސައީދު އެސްޖޭ ކޮންސްޓްރަކްޝަނަށް ދީފައިވާ ކަމަށް ކޮމިޓީގެ ރިޕޯޓްގައި ތުހުމަތުކޮށްފައި ވެ އެވެ.

"މި މުވައްޒަފު އެެ މިނިސްޓްރީގެ ވަޒީފާގައި ދެމިހުރުމުގެ ސަބަބުން އެ މިނިސްޓްރީއަށް އިތުރަށް ގެއްލުން ވެދާނެ ކަމަށް ކޮމިޓީއަށް [ފެނެ އެވެ]،" ރިޕޯޓްގައި ބުންޏެވެ.

މާލިއްޔަތު ރިޕޯޓް މަޖިލީހުން މިއަދު ފާސްކުރިއިރު، ޒިޔާދާއި ސައީދާ ދެކޮޅަށް ދައުވާކުރަން އޭސީސީން ވަނީ ޕީޖީ އޮފީހަށް ކުރިން ފޮނުވައިފަ އެވެ