ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހަކު ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލައިފި އެވެ.

އެ ކޯޓުގެ ގާޒީ ހަސަން ސައީދު ނެރުއްވި އަމުރަކުން ދޫކޮށްލާފައި ވަނީ ހަމަލާއަށްފަހު ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހެކެވެ. ފަހުން އެ ތިން މީހުންގެ މައްޗަށް ވެސް ހަމަލާގެ ތުހުމަތު ކުރެވޭތީ، އެ ތަހުގީގު ފެށީ އެވެ.

ކްރިމިނަލް ކޯޓުން ދޫކޮށްލަން އަމުރުކުރީ ފަހުމީ އަލީ އާއި ޔާސީން އަދި އިޝްހާގު ނަމަކަށް ކިޔާ މީހެކެވެ، އެ ތިން މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނޫނެވެ. ކްރިމިނަލް ކޯޓުން އެ އަމުރު އަދި އާއްމު ނުކުރެ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވި ކުރިމިނަލް ކޯޓުން އެ އަމުރު ނެރުނުތާ ދެ ގަޑިއިރު ވެފައިވާއިރު މިހާތަނަށް އެ އޮފީހަށް އަމުރު ލިބިފައިނުވާ ކަމަށެވެ. އަދި އެ ތިން މީހުން ދޫކޮށްލާފައިވަނީ އެމީހުން ބަންދުކުރާ މިންވަރަށް ހެކި ލިބިފައި ވަނިކޮށް ކަމަށް ވެސް ޝަމީމު ވަނީ ވިދާޅުވެފަ އެވެ.

އެހެންވެ، އެ އަމުރު ވީއެންމެ އަވަހަކަށް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅުއްވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޓެރަރިސްޓް ހަމަލާއާ ގުޅިގެން އަށް މީހެއްގެ މައްޗަށް ގެންދަނީ ތަހުގީގު ހިންގަމުންނެވެ. އެއީ، ފުލުހުން މީގެކުރިން ވަނަވަރު ހާމަކޮށްފައިވާ ފަސް މީހުންނާއި މިއަދު ދޫކޮށްލި ތިން މީހުންނެވެ. ފުލުހުން ވަނަވަރު ހާމަކޮށްފައިވާ މީހުންނަކީ، އަދުހަމް އަހުމަދާއި މުޖާޒް އަހުމަދާއި ތަހުމީން އަހުމަދު އާއި އަހުމަދު ފާތިހު އަދި އަލީ ހައިޝަމް އެވެ. އެމީހުން ތިބީ ބަންދުގަ އެވެ.