ކުރީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން ހައްޔަރުކުރި އެއްވެސް މީހަކު ދޫކޮށްލާފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިއަދުގެ ވަގުތެއްގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، މޭ 6 ގެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ތިން މީހުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް އެ އޮފީހުން ނިންމާފައިވާ ކަމަށެވެ. އަދި އެ ތިން މީހުން ދޫކުރީ ބަންދުގައި ބަހައްޓަން އެކަށީގެންވާ ވަރަށް ހެކި ހުއްޓައި ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފަ އެވެ.

ޕީޖީ އޮފީހުން އެގޮތަށް ބުނުމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލަން އަމުރުކުރި ތިން މީހުންނަކީ ފުލުހުންނާއި ސިފައިން ގުޅިގެން ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި މީހުން ކަމަށެވެ. އަދި އެމީހުންނަކީ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި ބައެއް ނޫން ކަމަށެވެ.

ކްރިމިނަލް ކޯޓުން ބުނީ، އެ ތިން މީހުން ބަންދުން ދޫކުރަން އަމުރުކުރީ، އެމީހުން 40 ދުވަސް ވަންދެން ބަންދުކޮށްފައި ވާއިރު ވެސް ފުލުހުންނަށް އިތުރު ހެއްކެއް ހޯދިފައި ނެތުމުން ކަމަށެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތުހުމަތަށް އަށް މީހަކު ފުލުހުން ހައްޔަރުކުރި އެވެ. އޭގެ ތެރެއިން މިހާތަނަށް ވަނަވަރު އާންމު ކުރީ ފަސް މީހެއްގެ އެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ އިތުރުން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް އެވެ.