ލުސާކާ (07 ޖުލައި) - ކޯޓު އަމުރާއި ޚިލާފަށް ޒަމްބިއާގެ ކުރީގެ ރައީސް ކެނެތު ކައުންޑާގެ ޖަނާޒާ ބުދަ ދުވަހު ބާއްވައިފި އެވެ.
އޭނާގެ ޖަނާޒާ ބާއްވަން ފަށާފައި ވަނީ އޭނާ ވަޅުލަން ހަމަޖެހިފައިވާ ތަން ބަދަލުކުރުމަށް އެދި އޭނާގެ ދަރިއަކު ކޯޓަށް ހުށަހެޅި މައްސަލައެއްގައި ޖަނާޒާ ނުބާއްވާ މަޑު ކުރުމަށް ކޯޓުން އަންގާފައި ވަނިކޮށެވެ.
ކައުންޑާ ޒެމްބިއާގެ ރިޔާސަތުގައި ހުންނެވީ 1964 ވަނަ އަހަރުން ފެށިގެން 1991 ވަނަ އަހަރާ ހަމައަށެވެ. އެއީ އެ ގައުމަށް މިނިވަންކަން ލިބުނު އަހަރުން ފެށިގެން 1991 ވަނަ އަހަރު އޮތް އިންތިހާބާ ޖެހެންދެން ނެވެ.
ޖޫން 17 ވަނަ ދުވަހު ލުސާކާގެ މިލިޓަރީ ހޮސްޕިޓަލެއްގައި އަވަހާރަވި ކައުންޑާގެ ހަށިގަނޑު ފަސްދާނުލުމަށް ދައުލަތުން ނިންމާފައިވަނީ އެ ގައުމުގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުން ފަސްދާނުލާން ހަމަޖެހިފައިވާ ގަބުރުސްތާނެއްގަ އެވެ.
ނަމަވެސް އެއީ ކައުންޑާ ބޭނުންވާ ގޮތް ނޫން ކަމަށް ބުނެ އޭނާގެ ދަރިއަކު ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. ކަވެޗޭ ކައުންޑާ ބުނިގޮތުގައި އޭނާގެ ބައްޕަ ބޭނުންވީ މީގެ ދިހަ އަހަރު ކުރިން މަރުވި އޭނާގެ މަންމަގެ ކައިރީގައި ފަސްދާނުލުމަށެވެ.
ނިއުމޯނިއާ ޖެހިގެން ކައުންޑާގެ ވަކިވުމުގެ ހިތާމަ ފާޅުކުރުމަށްޓަކައި އެފަރިކާގެ ގިނަ ގައުމުތަކަކުން ވަނީ ޒެމްބިއާއާ ގުޅިފަ އެވެ. – ދަ ސަޓްރެއިޓްސް ޓައިމްސް