ބެއިޖިން (07 ޖުލައި) - ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުމަށްޓަކައި ޗައިނާގައި ހަދަމުންދާ އުސް އިމާރާތްތައް އިތުރަށް ހެދުން އެ ގައުމުގެ ސަރުކާރުން މަނާކޮށްފި އެވެ.

ސަރުކާރުގެ މި އަމުރު އައިސްފައިވަނީ ހަދަމުންދާ ބައެއް އިމާރާތްތަކުގެ މަސައްކަތުގެ ފެންވަރާމެދު ގިނަ ކަންބޮޑުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.

ސަރުކާރުގެ މި އަމުރުގެ ދަށުން 500 މީޓަރަށް ވުރެ އުސް އިމާރާތްތައް ހެދުން ވަގުތުން ހުއްޓާލަން ޖެހޭނެ ކަމަށް ނެޝަނަލް ޑިވެލޮޕްމަންޓް އެންޑް ރިފޯމް ކޮމިޝަން އިން ނެރުނު ބަޔާނެއްގައި ބުނެެފައިވެ އެވެ. އަދި މީގެ އިތުރުން 250 މީޓަރަށް ވުރެ އުސް އިމާރާތްތައް ހެދުމަށް ހުއްދަ ދިނުމުގައި ވެސް ހަރުކަށި އުސޫލުތަކެއް ގެންގުޅެން އެ ގައުމުގެ ސަރުކާރުން ވަނީ ފަށާފަ އެވެ.

މި އަމުރާއެކު އިމާރާތް ކުރުން ހުއްޓާލަންޖެހޭ އިމާރާތްތަކުގެ ތެރޭގައި ބޮޑެތި ޝޮޕިންގް މޯލްތަކާއި މަދަނީ އިމާރާތްތަކުގެ އިތުރުން އޮފީސް އިމާރާތްތައް ވެސް ހިމެނެ އެވެ.

ދުނިޔޭގައި 500 މީޓަރަށް ވުރެ އުސް އިމާރާތްތަކުގެ ތެރޭގައި ދިހަ އިމާރާތެއް ހުރެ އެވެ. އޭގެ ތެރެއިން ފަސް އިމާރާތް މިހާރު ވެސް ހުރީ ޗައިނާގަ އެވެ.

ދުނިޔޭގެ އެންމެ އުސް އިމާރާތެއްގެ ގޮތުގައި މިވަގުތު ހުރީ ދުބާއީގެ ބްރުޖު ޚަލީފާ އެވެ. އެ އިމާރާތުގެ ދިގު މިނުގައި ޖުމްލަ 828 މީޓަރު ހުރެ އެވެ. -- ދަ ސްޓްރެއިޓްސް ޓައިމްސް