ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅުގައި ހަތިޔާރާއެކު ސެކިއިއުރިޓީ ބެލެހެއްޓުން ހިމެނޭ ގޮތަށް ގިނަ ރެކަމަންޑޭޝަންތަކާ އެކު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ގޮތުން އެކުލަވާލި އިންކުއަރީގެ ފައިނަލް ރިޕޯޓް ފާސްކޮށްފި އެވެ.

މިރޭ ފާސްކުރި އެ ރިޕޯޓުގައި 45 ރިކޮމަންޑޭޝަނެއް ހިމަނާފައިވާއިރު، އޭގެތެރޭގައި ރައީސް ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ ގިނަ ރެކޮމަންޑޭޝަންތަކެއް ވެސް ހިމެނެ އެވެ.

އެ ރިޕޯޓުގައި ރެކޮމަންޑު ކޮށްފައި ވަނީ ރައީސް ނަޝީދަށް ތްރެޓެއް އޮތްނަމަ، 24 ގަޑިއިރު ހަތިޔާރާ އެކު އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު ކައިރީ ސިފައިން ފޯރިމެރުމަށެވެ.

ޑިފެންސް އިންޓެލިޖެންސް އިން ކަނޑައަޅާ ގޮތެއްގެ މަތީން ނަޝީދަށް އޮތް ތްރެޓް ލެވެލްތަކާ އެއް ފެންވަރަކަށް ސެކިއުރިޓީ ހަމަޖެއްސުމަށް އެ ރިޕޯޓުގައި ރެކޮމަންޑުކޮށްފައިވެ އެވެ.

ޑިފެންސް އިންޓެލިޖެންސްގެ ތްރެޓް އެސެސްމެންޓްތަކަށްފަހު ރެކޮމެންޑޭޝަންތައް ތަންފީޒު ކުރުމަށް ވެސް އެ ރިޕޯޓުގައި ރެކޮމަންޑުކޮށްފައިވެ އެވެ.

ރައީސް ނަޝީދުގެ ކްލޯޒް ޕްރޮޓެކްޝަން ޓީމްގެ ހުރިހާ މެމްބަރުންނަށް ރިފްރެޝާ ތަމްރީން ދިނުމަށާއި އެމަނިކުފާނުގެ ގެކޮޅު ސަރަހައްދު ގައި ސީސީޓީވީ ކެމެރާ ހަރުކޮށް މޮނީޓާ ކުރުމަށް ވެސް ލަފާދީފައިވެ އެވެ.

ރައީސް ނަޝީދަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުންގެ އެހީތެރިކަން ހޯދަން ޖެހޭ ވަގުތުތަކުގައި އެހީތެރިކަން ހޯދުމަށް ވެސް ލަފާދިނެވެ. އަދި އެމަނިކުފާނުގެ ކާރުކޮޅަކީ ސްޓޭންޑާޑް އާމްޑް ކާރަކަށް ހެދުމަށާއި ބޭނުން ކުރުމުގެ ކުރިން ކާރުގެ ހާލަތު ބެލުމަށް ރެކޮމަންޑުކޮށްފައިވެ އެވެ.

ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރެއް އައްޔަން ކުރަންވެސް އެ ރިޕޯޓުގައި ލަފާދިނެވެ. އެ ފަރާތުގެ ބޭނުމަކީ އެމްއެންޑީއެފާއި ފުލުހުންނާ މަޝްވަރާކޮށް ކަންކަމުގައި ހައްލު ހޯދައި ރައީސުލްޖުމްހޫރިއްޔާއަށް އިރުޝާދު އެރުވުމެވެ.

ހަރުކަށި ފިިކުރުގެ މީހުންނާއި ޓެރަރިޒަމްގެ އަމަލު ހިންގާ މީހުން ދެނެގަނެ، އެކަންކަން ހުއްޓުވައި، އެފަދަ މީހުން ހިމެނޭ ޑާޓާ ވޮޗް ލިސްޓެއް އެކުލަވާލުމަށް ވެސް ލަފާދީފައިވެ އެވެ.

ހަމައެހެންމެ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ އިހުތިސޯސްތައް މުރާޖާކޮށް، އެ މުއައްސަސާގެ ބެލެނިވެރިކަން ބަދަލު ކުރަންވެސް ލަފާދިނެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް މިރޭ ހިއްސާކޮށްފައެއްނުވެ އެވެ.