އާލިއާ ބަޓް ފިލްމު ބުރަހަމާތުރައިގެ އިތުރުން އާރުއާރުއާރު އަދި ޑާލިންގްސްގައި ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން އާލިއާގެ ސަޕޯޓަރުންނަށް މިފަހަރު މިއޮތީ ވަރަށް އުފާވެރި، އުއްމީދުން ފުރިގެންވާ ހަބަރެކެވެ. އޭނާ ވަރަށް އަވަސް މުސްތަގްބަލެއްގައި ހޮލީވުޑުން ފެނިދާނެ ހަބަރެއް ދައުރުވަމުން އެބަދެ އެވެ.

އޭޝިއަން ނިއުސް އިންޓަނޭޝަނަލްއިން ބުނާ މަޝްހޫރު އިންޓަނޭޝަލް ޓެލެންޓް އެޖެންސީއެއް ކަމަށްވާ ވިލިއަމް މޮރިސް އެންޑޭވަ އެންޓަޓެއިންމަންޓް (ޑަބްލިއުއެމްއީ)އިން ވަނީ އާލިއާ އާއެކު ސޮއިކޮށްފަ އެވެ.

ޑަބްލިއުއެމްއީ މީގެ ކުރިން ވަނީ އިންޑިއާގެ އެކްޓްރެސްއެއް ކަމަށްވާ ފަރީދާ ޕިންޓޯއާއެކު މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި "ރައިސް އޮފް ދި ޕްލެނެޓް އޮފް ދި އޭޕްސް" އަދި "އިމޯޓަލްސް" ހިމެނެ އެވެ.

އާލިއާ ސޮއިކޮށްފައިވާ ޑަބްލިއުއެމްއީއަކީ އިންޓަނޭޝަނަލް އެޖެންސީގެ ތެރެއިން އެންމެ ގިނަ ދުވަސްވީ އެއް ކުންފުންޏެވެ.

ރިޕޯޓްތައް ބުނާގޮތުގައި އާލިއާގެ ފިލްމު "ގަންގޫބައި ކަތިއަވަޑީ" ރިލީޒްކުރަން ހަމަޖެހިފައިވަނީ މި މަހުގެ 31ގަ އެވެ. މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ ސަންޖޭ ލީލާ ބަންސާލީ އެވެ.