ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިރިއުޅުއްވާ މުލިއާގެ ކައިރިއަށް ގޮސް، އެތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދެމުން ދިޔަ ދެ މީހަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.

މުލިއާގެ ކައިރިއަށް ދެމީހަކު ފޮށިގަނޑަކާއި ދަބަހަކާއި ރަތް ކޮތަޅެއް ހިފައިގެން ގޮސް އެތަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރުދީ އަޑުގަދަކުރަން ފެށުމުން، މުލިއާގެ ސެކިއުރިޓީން ވަނީ އެ ދެމީހުން ހިފަހައްޓާފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ދެމީހުން ގެންގުޅުނު ތަކެތި ބެލުމަށް ފަހުގައި އޭގެ ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނި ދިވެހި ދެ ފިރިހެނުން ކަމަށް މައުލޫމާތު ލިބެ އެވެ.

މިކަމާއި ގުޅިގެން މުލިއާގެ ސަރަހައްދުގައި ފުލުހުންނާއި ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއާއި ގުޅިގެން ސަލާމަތީ ހިދުމަތްތަކުގެ އެލާޓް ލެވެލް ވަނީ މަތިކޮށްފަ އެވެ. އަދި ޓެރަރިޒަމަށް ހިތްވަރުދޭގޮތަށް ވާހަކަދައްކާ މީހުން ދަނީ ހައްޔަރުކުރަމުންނެވެ.

މުލިއާގެ ސަރަހައްދުގާ ސެކިއުރިޓީވެސް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.