މޭ ހަވަނަ ދުވަހު ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމެޓީއިން ކުރިއަށް ގެންދިޔަ އިންކުއަރީއަކީ މަޖިލީހުގައި މިހާތަނަށް އެކުލަވާލި އެންމެ ފުރިހަމަ ރިޕޯޓް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ނަޝީދުއަށް އަމާޒުކޮށްގެން ދިން ހަމަލާއާއި ގުޅިގެން 241 ކޮމެޓީއިން ކުރިއަށް ގެންދިޔަ އިންކުއަރީއަށް ފަހު އެކޮމެޓީއިން އެކުލަވާލި ރިޕޯޓް މަޖިލީހުން ފާސްކޮށް، މިހާރު ވަނީ އެރިޕޯޓް މަޖިލީހުގެ ވެބްސައިޓްގައި އާންމުކޮށްފަ އެވެ.

އެ ރިޕޯޓްގެ ލިންކު ޝެއާ ކުރައްވަމުން މަޖިލީހުގެ ރައީސް ނަޝީދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ މަޖިލީހުގެ 241 ކޮމިޓީގެ އިންކުއަރީ ރިޕޯޓަކީ މިފަހުން މަޖިލީހުން އެކުލަވާލަމުން ގެންދާ ރިޕޯޓްތަކުގެ ތެރެއިން ވެސް ފުރިހަމަ ރިޕޯޓެއް ކަމަށެވެ.

ރައީސް ނަޝީދު ވަނީ އެ ކޮމިޓިގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމަށާއި، އެ ކޮމިޓީގެ މެންބަރުންނަށް އަދި މަޖިލީހުގެ ސްޓާފުންކުރި މަސައްކަތަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި މަޖިލިސް 19 ތަފާތުވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން އެކުލަވާލި އިންކުއަރީ ރިޕޯޓަށް މަޖިލީހުގެ ހުރިހާ މެމްބަރުން ބަސްހުކޮށް އެރިޕޯޓް ފާސްކޮށްފައި ވަނީ ރޭ ފަތިހު އެވެ. 271 ސޮފްހާގެ މައްޗަށް އެކުލެވޭ މިރިޕޯޓްގައި 45 ރިކޮމަންޑޭޝަނެއް ސަރުކާރަށް ވަނީ ހުށަހަޅާފަ އެވެ.

އިންކުއަރީ ރިޕޯޓް އާންމު ކުރުމުގެ ކުރިން ވެސް 241 ކޮމެޓީން ވަނީ ރިޕޯޓްގައި ގައުމީ ސަލާމަތާއި ގުޅުންހުރި މައުލޫމާތުތަކެއް އެ ރިޕޯޓްގައި ހިމެނޭނެ ކަމަށް ބުނެފަ އެވެ. އަދި އެ ރިޕޯޓް އާންމުކުރާނީ އެ މައުލޫމާތުތައް ނުހިމަނާ ކަމަށްވެސް ބުނެފައިވެ އެވެ. އެ މައުލޫމާތުތައް ހިމަނާފައިވާ ރިޕޯޓް އަރަން ހަމަޖެހިފައި އޮތީ ދައުލަތުގެ ތިންބާރުގެ ވެރިންނަށެވެ.

އިންކުއަރީއަށް އެއްކުރެވުނު މައުލޫމާތުން އެނގުނު ގޮތުގައި ޓެރަރިސްޓް ހަމަލާއެއް ދެވޭނީ ތިން ކަމެއްގެ ފުރިހަމަ ވެގެން ކަމަށާ ކަމަށާ އެއީ ނިޔަތް ނުވަތަ "އިންޓެންޓް" އާއި ގާބިލްކަން ނުވަތަ "ކޭޕަބިލިޓީ" އަދި ޓާގެޓް އާއި ހަމައަށް ދެވުނު ނުވަތަ "އެކްސެސް" ލިބުން ކަމަށް ރިޕޯޓްގައިވެ އެވެ. އެ ކަންކަމަށް ބަލާއިރު ޓެރަރިސްޓް ހަމަލާއެއް ދޭން ބޭނުންވާ ބަޔަކަށް ބޭނުންވަނީ ރައީސް ނަޝީދު ހަމައަށް ދެވޭނެ ގޮތެއް ނުވަތަ އެކްސެސް ލިބުން ކަމަށާ އަދި ރައީސް ނަޝީދަށް ހަމަލާއެއް ދިނުމުގެ ފުރުސަތު ކުޑަކުރުމަށް އޭރު ކުރެވެން އޮތް ހަމައެކަނި ކަމަކީ އެކްސެސް ހުއްޓުވުން ކަމަށެވެ.

އިންކުއަރީއަށް ފާހަގަކުރެވުނު ގޮތުގައި ރައީސް ނަޝީދުގެ ކާރުކޮޅަށް އަރައިވަޑައިގަންނަވާ އަދި ފައިބައިވަޑައިގަންނަވާ ޕޮއިންޓްތައް ފުލުހުންގެ އެހީތެރިކަން ހޯދައިގެން ކްލިއާކޮށް ސްވީޕްކޮށް "އިލެކްޓްރިކް ކައުންޓާ މެޝާޒް" ފަދަ ވަސީލަތްތައް ބޭނުންކުރިނަމަ މެއި ހައެއްގެ ޓެރަރިސްޓް ހަމަލާ ދިނުމުގެ ފުރުސަތު ކުޑަކުރެވުނީސް ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެކަންތައްތައް ހިނގައިދިޔަ ގޮތް ބަލަން މަޖިލީހުގެ 241 ކޮމެޓީން ކުރިއަށް ގެންދިޔަ ތަހުގީގުގައި ސިފައިންނާއި ފުލުހުންގެ އިސްވެރިންނާއި ވަކި ވަކި ސިފައިންނާ ފުލުހުންގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހިމެނޭ ގޮތަށް 49 ބޭފުޅުން ހާޒިރުކޮށް ސުވާލުކޮށްފައި ވެ އެވެ. އަދި 80 އަށް ވުރެ ގިނަ ލިޔުންތަކާއެކު 5550 އަށް ވުރެ ގިނަ ސަފްހާތައް ދިރާސާކޮށްފައި ވެ އެވެ.