ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރަން ދިޔަ ޓޫރިސްޓެއްގެ އަތުން ވަޒަންތަކެއް ފެނިއްޖެ އެވެ.

ފުލުހުންގެ މިއަދު ބުނީ ޓޫރިސްޓެއްގެ ދަބަހުން ވަޒަންތަކެއް ފެނިފައިވާ މައްސަލަ ހުށަހަޅާފައި ވަނީ މިއަދު ހެނދުނު 9:52 ހާއިރު ކަމަށެވެ. އެ ވަޒަންތައް ފެނިފައި ވަނީ އުމުރުން 60 އަހަރުގެ ނެމީބިއާ މީހެއްގެ ދަބަހުން ކަމަށް ފުލުހުން ބުންޏެވެ.

އެކަމާ ގުޅިގެން ސާފުކުރަންޖެހޭ މައުލޫމާތު އެމީހާ ކައިރިން ފުލުހުން އަންނަނީ ހޯދަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލު ފުލުހުން ދީފައެއް ނުވެ އެވެ.

މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެ ރޭ، ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން، މާލެ ސަރަހައްދުގެ ސެކުއިރިޓީ ވަރުގަދަކޮށްފައިވާ އިރު، އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ވެސް ހިމެނެ އެވެ.

ރާއްޖެއަށް ހަތިޔާރު އެތެރެކުރުމަކީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ބޮޑެތި އަދަބުތަކެއް ލިބޭ ކުށެކެވެ.