ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގު ހިނގާ ގޮތް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖެއްސެވި ހާއްސަ މަންދޫބު، އައްބާސް ފާއިޒު ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާ ބައްދަލުކުރައްވައިފި އެވެ.
އައްބާސް ފާއިޒު މިނިސްޓަރު މާރިޔާއާ ބައްދަލުކުރައްވާ ފޮޓޯ ޑިފެންސް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.
އައްބާސް ފާއިޒު މިނިސްޓަރު މާރިޔާއާ ބައްދަލުކުރައްވާފައި މިވަނީ އެކަމަނާގެ އިސްތިއުފާއަށް ރައީސް ނަޝީދުގެ އާއިލާ އިން ގޮވަމުންދާ ދަނޑިވަޅެއްގަ އެވެ.
އެ ހަމަލާ ދީފައި ވަނީ ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މިނިސްޓަރު މާރިޔާއާ ހިއްސާ ކުރައްވާފައި ވަނިކޮށް ކަމަށް 241 ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓުގައިވެ އެވެ. އެ ރިޕޯޓުގައިވާގޮތުން ރައީސް ނަޝީދު އަވަހާރަކޮށްލަން އުޅެނީ ތިން މިލިއަން ޑޮލަރަށް ކަމަށް ވެސް އިލްޔާސް ލަބީބަށް މައުލޫމާތު ލިބިފައިވާތީ އެކަން މިނިސްޓަރު މާރިޔާއާ ހިއްސާ ކުރެއްވި އެވެ.
މިނިސްޓަރު މާރިޔާ އެ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވިދާޅުވެފައި ވަނީ އެ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރެއްވުމަށް އެކަމަނާ އިލްޔާސް ލަބީބަށް އެންގެވި ކަމަށެވެ. އެ މައުލޫމާތު ލިބިހުރެ، އެކަން ފުލުހުންނަށް ރިޕޯޓް ނުކުރިތަނުގައި އެއްވެސް ފިޔަވަޅެއް އެކަމަނާ އަޅުއްވާފައިނުވާ ކަމަށް އެ ކޮމިޓީގެ ރިޕޯޓުގައިވެ އެވެ.
އެކަމަނާގެ އިސްތިއުފާއަށް ގޮވަމުންދަނީ އެ ސަބަބާ ހުރެ އެވެ.