މުލީއާގެ ކައިރީގައި ހުރެފައި ބޮމެއް އޮތް ކަމަށް ބުނި މީހާ އަކީ މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށާއި އެހެން ބުނި އިރު ހުރީ ފަރުވާއަށް ދީފައި ހުރި ބޭހެއް ކައިގެން ކަމަށް އެ މީހާ ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

މުލިއާގެ ސެކިއުރެޓީ ބަލަހައްޓަން ސިފައިން ތިބި މީހުން ކައިރީގައި އެ މީހާ ބުނެފައި ވަނީ އޭނާ ހިފައިގެންދާ ފޮށިގަނޑުގައި ބޮމެއް އެބައޮތް ކަމަށެވެ. އެހެން ބުނި މައްސަލައިގައި ހުކުރު ދުވަހު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ނަމަވެސް ހައްޔަރުކޮށް ހަތް ދުވަހަށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ބޮން އޮތް ކަމަށް ބުނި މީހާގެ އެވެ.

ބޮމެއް އޮތް ކަމަށް އެ މީހާ ބުނީ މުލިއާގޭގެ ސެކިއުރެޓީ ބަލަހައްޓަން ތިބި ސިފައިން އޭނާއާ ދިިމާއަށް ބަލަން ފެށުމުންނެވެ. މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ ދެ މީހުންނެވެ.

އޭގެ ތެރެއިން ހައްޔަރުކޮށްފައި ބެހެއްޓި މީހާގެ ބަންދު އަމުރުގައިވާ ގޮތުން އޭނާ ވަނީ "ސިފައިންނާ ދިމާލަށް އެއްޗެއް ބުނެވުނު" ކަމަށް ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހުގައި ބުނެފަ އެވެ. އެ ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހުރީ މަސްތުވާތަކެތިން ސަލާމަތްވުމަށް ކާ ބޭހެއް ބޭނުންކޮށްގެން ކަމަށް ކޯޓުގައި ބުންޏެވެ. އަދި އެއީ "މަސްތުވާ" ޒާތުގެ ބޭހެއް ކަމަށް ބުނެފައިވެ އެވެ.

އެ މީހާގެ ކޯޓު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ފުލުހުން ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެކަމުގެ އިންޒާރު ދިނުން ނުވަތަ ބިރު ދެއްކުމުގެ ތުހުމަތާއި ބިރު ދެއްކުމާއި ދޮގު ހަބަރު ދިނުމުގެ ތުހުމަތެވެ.

އެ މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު އަށް ފެނިވަޑައިގަތީ އޭނާގެ މައްޗަށް ތުހުމަތެއް ކުރެވޭ ވަރަށް އެކަށީގެންވާ ހެކި ހުށަހެޅިފައިވާ ކަމަށެވެ. އަދި އޭނާ ދޫވެފައި ހުރެއްޖެ ނަމަ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ހަތް ދުވަހަށް ބަންދުކުރަން އަމުރު ކުރުމަށެވެ.