މިދިޔަ މަހު ހދ. ކުޅުއްދުއްފުށީގައި މީހަކު ރަހީނުކޮށް އެ މީހާއަށް ބިރުދައްކައި މާރާމާރީ ހިންގި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް ފޮނުވައިފި އެވެ.

ކުޅުއްދުއްފުށިން މީހަކު ރަހީނުކޮށްފައި ވަނީ މޫނު ކޮށްގެން ތިބި ދެ މީހުންވެ. މޫނު ނިވާކޮށްގެން ތިބި ބަޔަކު އުމުރުން 29 އަހަރު ޒުވާނަކަށް އަނިޔާކުރީ ކާރަކަށް އަރުވައިގެން، އެ ރަށު މީހުން ނޫޅޭ ސަރަހައްދަކަށް ގެންގޮސް އެވެ. އެ އަނިޔާގައި ލިބުނު ޒަހަމްތަކާ އެކު ހާލު ބޮޑުވެގެން، އޭނާ މާލެ ގެނެސްގެން ވެސް ވަނީ ފަރުވާ ދީފަ އެވެ.

މިއަދު ޕީޖީ އޮފީހުން ބުނީ، ރަހީނު ކުރި މައްސަލައާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު އެ ދެ މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށެވެ. އެ މައްސަލާގައި ތުހުމަތު ކުރަނީ ހދ. ކުޅުދުއްފުށި، މާތުނޑި، މުއާޒް އަލީ އާއި އެ ރަށު، ސެޓްލައިޓް، މުހައްމަދު އާދަމަށެވެ.

އެ ދެމީހުންގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެ އެވެ. އެއީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ އެވެ. އެ މައްސަލާގައި ތުުހުމަތު ކުރެވޭ އިތުރު ހަތަރު މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކޮށް، ކުށް ސާބިތުކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ، އެ ހަތަރު މީހުންގެ ބައި ފުލުހުންނަށް އަނބުރާ ފޮނުވާލަން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ،