ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރީ މަންދިރާ ބެޑީގެ ފިރިމީހާ ފިލްމު ޕްރޮޑިއުޝަރު ރާޖް ކޮޝަލް މަރުވެފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. ފިރިމީހާގެ މަރަށް ފަހު ފުރަތަމަ ފަހަރަށް މަންދީރާ މިވަނީ މިދިޔަ އާދީއްތަ ދުވަހު ގެއިން ބޭރުން ފެނިފަ އެވެ.

މަންދިރާ ފެނިފައި ވަނީ ބޭންޑްރާގެ ސަރަހައްދަކުން އޭނާގެ މަންމައާއެކު ހެނދުނުގެ ވަގުތުގައި ހިނގާލަން ނުކުމެ އުޅެނިކޮށެވެ.

މަންދިރާ މަގުމަތީ އޭނާގެ މަންމައާއެކު ހިނގާލާފައި ދާ މަންޒަރުގެ ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފަ އެވެ. އަދި ހަމަ މިއާއެކު މަންދިރާގެ މި ވީޑިއޯއަށް އޭނާގެ ގިނަ ސަޕޯޓަރުންނެއް ދަނީ މަންދިރާއަށް ހިތްވަރުދީ ކޮމެންޓް ކުރަމުންނެވެ.

https://www.youtube.com/watch?v=2qMIXG_Qh0s

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރާޖް މަރުވެފައި ވަނީ އާއިލާއާއެކުގައި ގޭގައި ހުއްޓައި ހާޓް އެޓޭކެއް ޖެހިގެންނެވެ.

މަންދީރާ އާއި ރާޖް ކައިވެނި ކޮށްފައިވަނީ 1999 ވަނަ އަހަރުގެ ފެބްރުއަރީ 14 ގަ އެވެ. އެ ދެ މީހުންގެ ދެ ކުދިން ވެސް ތިބެ އެވެ. ފިރިހެން ދަރިފުޅު ވީރު އަދި އަންހެން ދަރިފުޅު ތާރާ ބޭޑީ ކޮއުސަލް އެވެ. ތާރާ އަކީ މިދިޔަ އަހަރު އެ މީހުން އެޑޮޕްކުރި ކުއްޖެކެވެ.