ޗައިނާއަށް ނިސްބަތްވާ ދެމަފިރިއަކު މިވަނީ މީގެ 24 އަހަރު ކުރިން ވަގަށް ނަގާފައިވާ އެ ދެމީހުންގެ ދަރިފުޅާ އެންމެފަހުން ބައްދަލުވެ ޖަޒުބާތީ ވަގުތުކޮޅެއް ހޭދަކޮށްފަ އެވެ.

ގުއޯ ޝިންޒެން ވަގަށް ނަގާފައިވަނީ 1997 ވަނަ އަހަރު އުމުރުން އެންމެ ދެއަހަރުގައި ޗެއިނާގެ ޝެންޑޮންގްގައި އެއާއިލާ އުޅެމުން އައި ގެ ކައިރިންނެވެ.

އެއަށްފަހު މިވީ 24 އަހަރު ދުވަހުގެ ތެރޭގައި އޭނާގެ ބައްޕަ ގުއޯ ގެންޓެންގް ވަނީ ދަރިފުޅު ހޯދުމަށްޓަކައި ޗައިނާގެ އެކި ސަރަހައްދުތަކުގައި 310،000 މޭލު ދަތުރުކޮށްފަ އެވެ.

މި މަސައްކަތުގައި އެ ގައުމުގެ 20 ޕްރޮވިންސަކަށް ގުއޯ ގޮސްފައިވާއިރު އެ ހުރިހާ ދަތުރެއް އޭނާ ކޮށްފައިވަނީ ސައިކަލެއްގަ އެވެ. އެ ދަތުރުތަކަށް އޭނާ 10 ސައިކަލު ހޯދަން ޖެހި އެ ތަކެއްޗަށް ގިނަ ގެއްލުންތަކެއް ވެސް ވެފައިވާ ކަމަށް ގުއޯ ބުންޏެވެ.

ޝިންޒެން ވަގަށް ނެގި މީހުން އެކަން ކޮށްފައިވަނީ ފައިސާއަށް ކުޑަ ކުއްޖަކު ވިއްކާލުމަށެވެ. އެގޮތުގެ މަތިން ކުއްޖަކު އެޑޮޕްޓް ކުރަން އުޅުނު ޗައިނާގެ ދެމަފިރިއަކަށް އޭނާ ވަނީ ވިއްކާލާފަ އެވެ. އޭގެ ފަހުން ޝެންޒެން ބޮޑުވަމުން އައީ އެ ގައުމުގެ ހުނާން ޕްރޮވިންސްގަ އެވެ.

އެންމެފަހުން ފުލުހުންނަށް ޝެންޒެން ހޯދުނީ ޑީއެންއޭ ބޭނުންކޮށްގެން ކުރި ތަހުގީގު ތަކުންނެވެ. ވަކިވެފައިވާ އާއިލާ އަލުން ބައްދަލުވީ މިދިޔަ އާދީއްތަ ދުވަހު އެވެ.

ގުއޯގެ ދަރިފުޅު ހޯދުމަށް އޭނާ ކުރި މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް 2015 ވަނަ އަހަރު ވަނީ ލޮސްޓް އެންޑް ލަވްގެ ނަމުގައި ފިލްމެއް ވެސް ނެރެފަ އެވެ.