ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 60 އަހަރުގެ މީހަކު މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މިރޭ ކޮވިޑްގައި މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވީ މިރޭ 7:58 ގަ އެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކާ އެކު މި ބަލީގައި މަރުވާ މީހުންގެ އަދަދު މިވަނީ ދަށްވަފަ އެވެ. މި ބަލީގައި އެންމެފަހުން މީހަކު މަރުވީ މިދިޔަ އާދީއްތަ ދުވަހުއެވެ.

ކޮވިޑްގެ ކޭސްތައް މާލޭގައި ގިނަވިއިރު، މަރުވި މީހުންގެ އަދަދުވެސް ގިނަ އެވެ. އެގޮތުން ބައެއް ދުވަހު 10 އަށް ވުރެ ގިނަ މީހުން ވެސް މަރުވެފައިވެ އެވެ.

މިއަދުގެ މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 215 އަށް އަރައިފައެވެ.

އެޗްޕީއޭ އިން ބުނީ މިވަގުތު މި ބައްޔަށް ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދަމުން ދަނީ 16 މީހުން ކަމަށެވެ.