އަމާނާތްތެރި ކަމަކީ އިންސާނުންގެ ތެރެއިން މާތް މީހުންގެ ކިބައިގައި ހުންނަ މަތިވެރި ސިފައެކެވެ. ވަކިފަންތިއަކާއި ގިންތިއަކަށް އޮތް ކަމެއް ނޫނެވެ. މިއީ ސަލާންޖަހަން މަގުމަތީ އުޅުނު ފަޤީރެއްގެ އަމާނާތްތެރިކަން ފެނި ކިޔަވައިދޭން އުޅޭ ޓީޗަރަކު އަޖައިބުކުރުވި ޙަޤީޤީ ޙާދިސާއެކެވެ.

މެންދުރު ކުރީގެ މަސައްކަތް ނިންމާލުމަށްފަހު ޓީޗަރު ބޭންކަށް ދިޔައީ އޭނާ ދިރިއުޅޭގޭގެ ކަރަންޓު ބިލު ދައްކާށެވެ. ބޭންކާއި މާދުރު ނޫން ހިސާބެއްގައި ކާރު ޕާކު ކުރުމަށްފަހު ކާރުން ފޭބޭހައި ވެސް ނުވަނީސް ސަލާންޖަހާ މީހަކު އައިސް އަތް ދިއްކޮއްލުމުން އޭނާއަށް 10 ރުޕީސްގެ ނޫޓެއް ދީފައި ޓީޗަރު އަވަސްވެގަތީ ބޭންކާ ދިމާއަށް ދިއުމަށެވެ.

އެހިސާބަށް ދެވުނުއިރު ބެންކުގެ ބޭރުގައި ސަފުހަދައިގެން 15 ވަރަކަށް މީހުން ތިއްބެވެ. އެތަނުގައި މީހުން ގިނަކަމުން މާޔޫސްކަން ވެސް ލިބުނެވެ. އެއީ މެންދުރު ފަހު ކިޔަވައިދޭ ކިލާހަށް ގަޑި ޖެހި ދާނެތީއެވެ. ނުވަތަ ލަސްވުމުގެ ސަބަބުން ކިލާހަށް އެއްގޮތަކަށް ވެސް ނުދެވިދާނެތީއެވެ. ކޮރޯނާއިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ބޭންކު ތެރެއަށް މީހުން ވައްދަނީ ވަކި ޢަދަދަކަށެވެ. ނިކުންނަ ކޮންމެ މީހަކަށް މީހަކު އެތެރެއަށް ވައްދަމުން ދިޔައެވެ. މީހަކު ނިކުންނަނީ ވަރަށް ލަހުންނެވެ. އެހެންކަމުން ޓީޗަރުގެ އިންތިޒާރު ދިގުވެ ކިލާސް ގަޑި ފެށެންވާއިރަށް ނުދެވިދާނެ ކަމުގެ ބިރުބޮޑުވާން ފަށައިފިއެވެ. އަވަސް ކުރެވެން އޮތް ހުރިހާ ކަމެއް ޓީޗަރު ދިޔައީ ކުރަމުންނެވެ. 5،000 ރުޕީސްގެ ނޫޓެއް ނަގައި ބިލާއެކު ހިފައްޓައިގެން ހުރީ އެތެރެއަށް ވަދެވުމާއިއެކު ކައުންޓަރަށް އަވަހަށް ފައިސާ ވެސް ދެވޭތޯއެވެ.

ކިލާސް ފެށެން 15 މިނެޓެއްހާއިރަށް ވަގުތު ކުޑަތަން ވީއިރު ވެސް ކިއުގައި ހުންނަން ޖެހުނު ޓީޗަރަށް ވިސްނުނީ، ކިލާހާ ދިމާއަށް މިވަގުތު މިސްރާބު ނުޖަހައިފިނަމަ ކުދިންގެ ކިޔެވުން ގެއްލޭނެ ކަމެވެ. އެހެންކަމުން ބިލުދެއްކުން ފަސްކޮށްލައި، ކިޔަވައިދޭ ތަނަށް ދިއުމުގެ ނިޔަތުގައި ކާރާ ދިމާއަށް ހިނގައިގަތެވެ. ވަރަށް ބާރު ދުވެއްޔެއްގައި ހިނގަންފެށި ޓީޗަރަށް ފެނުނީ އޭނާ އަތުން ފައިސާ ހޯދި ފަޤީރު މީހާ ބޭންކާ ދިމާއިން ދުވާރުމަތީ އިށީނދެގެން އޭނާއާއި ދިމާއަށް ބަލަހައްޓައިގެން އިންތަނެވެ. މާބޮޑު ސަމާލުކަމެއް ނުދީ އެދިޔަ ބާރުމިނުގައި ޓީޗަރު ދިޔައީ ޕާކިންގައި އޮތް ކާރާދިމާއަށް ނަޒަރު ހުސްކޮށްގެންނެވެ. ފަޤީރު މީހާ ހުރަސްކޮށް ދުވާރުމަތިން ކުޑަކޮށް ކުރިއަށް ދެވޭއިރަށް އޭނާ ގޮވާލިހެން ޓީޗަރަށް ހީވިއެވެ. އެހެނަސް އެއްވެސް ސަމާލުކަމެއް ނުދީ ދާތީވެ، ފަޤީރުމީހާ ތަންކޮޅެއް ބާރަށް ބުންޏެވެ.

"އެއޮތީ ތިބާގެ ފައިސާ ވެއްޓިފައި!" ޓިޗަރު އެނބުރި ބަލައިލިއިރު އޭނާ އަތަށްލައިގެން އުޅުނު 5000 ރުޕީސް އެއޮތީ ފަޤީރު މީހާގެ ކުރިމައްޗަށް ވެއްޓިފައެވެ. އޭނާ އެއްވެސް ބަހެއް ނުކިޔާ އެ ފައިސާ ފޮރުވި ނަމަވެސް އެނގޭނެ އެއްވެސް އިންސާނެއް ނުހުންނާނެވެ. ގެއާ ހަމައަށް ދެވެންދެން ޓީޗަރު ވެސް އޭގެމަތިން ހަނދާނެއް ނުވީހެވެ.

ފަޤީރު މީހާގެ މިކަންތަކަށް އަޖައިބުވެފައި ޓީޗަރަށް ހުއްޓުން އެރިއެވެ. ބުނާނެ ހަމަ އެކައްޗެއް ވެސް ނޭނގިފައި އެ މީހާއާއި ދިމާއަށް ބަލަހައްޓައިގެން ޓީޗަރަށް ހުރެވުނެވެ. އެ ނޫޓަށް އިޝާރާތް ކުރަމުން ފަޤީރު މީހާ ހީލާފައި ބުނީ "އެ އޮތީ ދެންމެ ތިބާގެ އަތުން ވެއްޓުނު ފައިސާގެ ނޫޓެއް" އޭނާ އެނޫޓަކު އަތެއް ވެސް ނުލައެވެ. ޓީޗަރު އަމިއްލައަށް ފައިސާ ނަގައިގެން ދިޔައީއެވެ.

ފަޤީރު މީހާގެ އަމާނާތްތެރިކަމާއިމެދު އަންތަރީސްވެ ޓީޗަރު ހިތަށް އަރަމުން ދިޔައެވެ. ފައިސާއަށް ބޭނުންޖެހިފައިވާ އެ މީހާ އަމަނާތް ތެރިކަމާއެކު ތިމަންނާއަށް ގޮވީ ކީއްވެބާއެވެ؟

ފަޤީރުކަމާ އެކު ސަލާންޖަހަން އުޅުނަސް އަމިއްލަ ނަފްސަށް އިޚްލާޞް ތެރިވާ މީހުންނަކީ އަމާނާތް ތެރިންނެވެ. އެ ޓީޗަރު ވެސް އޭނާގެ ދަރިވަރުންނާއި މެދު އަމާނާތްތެރިކަން އިސްކުރިއެވެ. އޭނާގެ ބޮލުގައި އެޅިފައިވާ، ދަރިވަރުންނަށް ކިޔަވައިދިނުމުގެ ޒިންމާއަށް އަމާނާތްތެރި ވުމަށްޓަކައި އަމިއްލަ މަސްލަޙަތު ފަސްކުރިއެވެ. ރަނގަޅު މީހުންނަށް އަބަދުވެސް ރަނގަޅު ގޮތް މެދުވެރި ކުރައްވާނެކަމީ ޝައްކެއްނެތް ޙަޤީޤަތެކެވެ.

އަމާނާތްތައް އޭގެ އަހުލުވެރިންނާއި ޙަވާލުކުރުމަށް މާތްﷲ ވަނީ އަންގަވާފައެވެ. ﴿إِنَّ اللَّـهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْلِ ۚ إِنَّ اللَّـهَ نِعِمَّا يَعِظُكُم بِهِ ۗ إِنَّ اللَّـهَ كَانَ سَمِيعًا بَصِيرًا﴾ ) سورة النساء :٥٨( މާނައީ:- "ހަމަކަށަވަރުން، أمانةތައް، އޭގެ أهلވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް أمرކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން حكمކުރާނަމަ، عدلއަށް حكم ކުރުމަށްވެސް، أمرކުރައްވަތެވެ. ހަމަކަށަވަރުން، اللَّه އެކަމަކާމެދު، ތިޔަބައިމީހުންނަށް وعظ އިއްވަވާކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ."