ފަޅޮލަކީ ގިނަ ބަޔަކަށް ކަމުދާ މޭވާ އެކެވެ. ހާއްސަކޮށް ދިވެހިންގެ ކެއުމުގައި ފަޅޮލަކީ އެންމެ ކުުރީއްސުރެ ވެސް އެކި ގޮތްގޮތަށް ބޭނުން ކުރެވެމުން އައި ބާވަތެކެވެ.

މި ލިޔުމުގައި މި ބަލާލަނީ ރޮލަށް ކެއުމުގެ އިތުރުން ކެއުމުގައި މި މީރު މޭވާ ހިމެނިދާނެ ބައެއް ގޮތްތަކަށެވެ. މިއިން ކޮންމެ ގޮތަކީ ވެސް ހަދާލަން ފަސޭހަ އަނގައަށް މީރުވާނެ ގޮތެކެވެ.

ފަޅޯ ސެލެޑް

ސެލެޑަކީ ސިއްހަތަށް ބަލައިގެން އުޅޭ މީހުންގެ މެދުގައި ވަރަށް މަގުބޫލު ކެއުމެކެވެ. އެކި ވައްތަރުގެ ބާވަތްތައް ބޭނުންކޮށްގެން ތައްޔާރުކުރާ މި ކެއުމުގައި ފަޅޯ ހިމަނާލުމަކީ އެ ކެއުމަށް ލިބިގެންދާނެ އިތުރު ފުރިހަމަ ކަމެކެވެ. ފަޅޮލާއެކު ތިބާއަށް އެންމެ ކަމުދާ ސެލެޑް ޑްރެސިން އެއް ބޭނުން ކުރެވިދާނެ އެވެ.

ފަޅޯ ސްމޫތީ

ފަޅޮލަކީ ކެއުމުގެ އިތުރުން ބުއިންތަކުގައި ބޭނުން ކުރަން ވެސް ކަމުދާނެ މޭވާ އެކެވެ. ފަޅޮލާއި ކިރު އަދި ވެނީލާ އައިސްކްރީމް އެއްކޮށް ފޮނިރަހަ ހެޔޮވަރު ކުރުމަށްފަހު މިކްސްޗަރުން ގިރާލާށެވެ. ހެނދުނުގެ ބުއިމަކަށް ކަމުދާނެ އެވެ.

ފަޅޯ ކޭކު

ފޮނި އެއްޗިއްސަޓް ލޯބި ކުރައްވާނަމަ ފޮނި ކާތަކެތި ތައްޔާރު ކުރުމުގައި ފަޅޯ ބޭނުން ކުރެވިދާނެ އެވެ. އެގޮތުން ފަޅޯ ކޭކާއި ފަޅޯ ކަސްޓަޑް އަކީ މިގޮތަށް ތައްޔާރު ކުރެވިދާނެ ބައެއް ކެއުންތަކެވެ. ފަޅޮލަކީ ގުދުރަތީ ފޮނިކަން ހުންނަ ބާވަތަކަށްވުމާއެކު މިފަދަ ކެއުންތަކަށް އާޓިފިޝަލް ހަކުރު މަދުން ބޭނުން ކުރެވިދާނެ އެވެ.

ފަޅޮލަކީ ސިއްހަތަށް ފައިދާ ކުރުވަނިވި ކެއުމެއްގެ އިތުރުން އަނގައަށް ވެސް މީރު ގުދުރަތީ ކެއުމެކެވެ. އެހެން ކަމުން މި ގޮތްގޮތަށް ކެއިން ބުއިމުގައި ފަޅޯ ހިމެނުން ކިހިނެއް ވާނެ ހެއްޔެވެ؟