ބޮލީވުޑް ސުޕަ ސްޓާރު ސަލްމާން ޚާންގެ ސުޕަހިޓް ފިލްމް "ބަޖްރަންގީ ބައި ޖާން" އަކީ އިންޑިއަން ސިނަމާގެ އެންމެ ފުރިހަމަ ފިލްމުތަކުގެ ތެރޭގައި ހިމެނުނު ފިލްމެކެވެ. 2015 ވަނަ އަހަރު ނުކުތް މި ފިލްމް ވަނީ ބޮކްސް އޮފީހުގައި ވެސް ރެކޯޑެއް ހަދާފަ އެވެ.
"ބަޖްރަންގީ ބައި ޖާން" އަށް ހަ އަހަރު ފުރިފައިވާއިރު މިހާރު މިވަނީ "ބަޖްރަންގީ ބައި ޖާން"ގެ ދެވަނަ ބައެއް އުފައްދަން އުޅޭކަމުގެ އިޝާރާތެއްވެފަ އެވެ. މިއީ ތޯތޯ ވާހަކަ އެއް ނޫނެވެ. މި ހަބަރު ޔަގީން ކޮށްދީފައިވަނީ މި ފިލްމުގެ ލިޔުންތެރިޔާ ކޭވީ ވިޖެންދްރަ ޕްރަސާދް އެވެ.
މިގޮތުން ޕިންކް ވިލާއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނިގޮތުގައި "ބަޖްރަންގީ ބައި ޖާން" ގެ ދެވަނަ ބައެއް އުފައްދަން ބޭނުންވާ ވާހަކަ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ސަލްމާން ޚާން އާ އޭނާ ހިއްސާކުރި ކަމަށާއި ސަލްމާން ވެސް ހުރީ މިކަމަށް ވަރަށް ބޭނުންވެފަ އެވެ.
މިހާރު މިދަނީ ދެވަނަ ބައެއް އުފައްދަން ކުރަންޖެހޭ ކަންކަމާމެދު ވިސްނަމުން ކަމަށް ކޭވީ ވިޖެންދްރަ ޕްރަސާދް އިތުރަށް ހާމަކޮށްފައިވެ އެވެ.
"ބަޖްރަންގީ ބައި ޖާން" ގެ ދެވަނަ ބައެއް އުފައްދަން އުޅޭކަމުގެ ހަބަރާއެކު މި ފިލްމުގެ ސަޕޯޓަރުން އަދި ވަކިން ހާއްސަކޮށް ސަލްމާން ޚާންގެ ސަޕޯޓަރުން ތިބީ ދެވަނަ ބައި އަންނާނެ ދުވަހަކަށް ކެތްމަދުވެފަ އެވެ.