ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެމްބަރުން ކަމަށްވާ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ޕީޕީއެމަށް ސޮއިކުރައްވައިފި އެވެ.

ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ޕީޕީއެމަށް ސޮއިކުރެއްވުމަށްފަހު އެބޭފުޅުން ވަނީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ފޯމު ހަވާލުކުރައްވާފަ އެވެ.

މަލީހަކީ ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ލޯޔަރު ވައްޑެއަކީ ޕީޕީއެމްގެ ޓިކެޓުގައި ތުލުސްދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް އިންތިހާބުވެ، ފަސް އަހަރުގެ ދައުރަކަށް އެ ދާއިރާގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ. ރުކުމާ އަކީ އެމްޑީޕީގެ ޓިކެޓުގައި ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް ގޮނޑިއަށް އިންތިހާބެ ފަސް އަހަރުގެ ދައުރަކަށް އެ ދާއިރާގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.

ޕީޕީއެމް އަށް ސޮއި ކުރެއްވުމަށްފަހު މިރޭ ދެއްކެވި ވާހަކަފުޅުގައި މަލީހު ވިދާޅުވީ އޭނާ އަލުން ޕީޕީއެމަށް ސޮއި ކުރެއްވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކާމިޔާބު ކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމަށް ކަމަށެވެ.

ރައީސް ޔާމީން މިނިވަންކޮށްދިނުމަށް ވެސް މަލީހު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލައްވާފައެވެ.