މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިދިޔަ ސެޕްޓެމްބަރު މަހު މީރާއަށް ލިބުނު އާމްދަނީ 30 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.
ދައުލަތުގެ ޓެކްސް އިދާރާއިން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު 843.04 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
މީރާއިން ބުނީ މިދިޔަ މަހު ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ކޮވިޑް-19 އާ ގުޅިގެން ޓޫރިސްޓުން ރާއްޖެއަށް އައި މިންވަރު ދަށްވެފައިވުމުގެ ސަބަބުން ޓޫރިޒަމް ދާއިރާގެ އިގްތިސާދީ ހަރަކާތްތައް މަދުވެ، ޓޫރިޒަމް ދާއިރާއިން ޓެކުހުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށްވުމުން ކަމަށެވެ. މިގޮތުން، ޖީއެސްޓީ އަދި ގްރީން ޓެކްސް ފަދަ ޓެކުހުން ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފަ އެވެ. މީގެ އިތުރުން، ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި އިތުރުކުރެވިފައިވުމުން، މި މުއްދަތުގައި ލިބިފައިވާ އާމްދަނީ، މީގެ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މަދު ކަމަށް މީރާއިން ބުންޏެވެ.
މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހެވެ. އެއީ 45.7 ޕަސެންޓް ނުވަތަ 385.57 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޖީއެސްޓީންނެވެ. އެއީ 25.8 ޕަސެންޓް ނުވަތަ 217.16 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، ބީޕީޓީގެ ގޮތުގައި 150.13 މިލިއަން ރުފިޔާ (17.8 ޕަސެންޓް)، ރެސިޑެންޝަލް ޕާމިޓްގެ ގޮތުގައި 21.06 މިލިއަން ރުފިޔާ (2.5 ޕަސެންޓް)، މުދަލު ޒަކާތުގެ ގޮތުގައި 11.07 މިލިއަން ރުފިޔާ (1.3 ޕަސެންޓް)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 58.04 މިލިއަން ރުފިޔާ (6.9 ޕަސެންޓް) ހިމެނެ އެވެ.
މިދިޔަ މަހު ދެއްކި އާމްދަނީގެ ތެރޭގައި 6.74 މިލިއަން އެމެރިކާ ޑޮލަރު ހިމެނެ އެވެ.