ބޮލީވުޑް މަޝްހޫރު އެކްޓަރެސް ސިލްޕާ ޝެޓީގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ ރާޖު ކުންދާރު ހައްޔަރު ކޮށްފި އެވެ.
މުމްބާއީގެ ފުލުހުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވަނީ އުމުރުން 45 އަހަރުގެ ރާޖު ކުންދާރު ހައްޔަރު ކޮށްފައިވަނީ އޮރިޔާން ކާޑާއި ފިލްމު އުފެއްދުމުގެ ތުހުމަތުގައި އެވެ.
މުމްބާއީ ފޮލިސް ކޮމިޝަނަރު ބުނެފައި ވަނީ އޮރިޔާން ފިލްމު އުފެއްދާއި ވެބްސައިޓްތަކުގައި އާންމުކުރާ މައްސަލައެއް މިއަހަރުގެ ފެބްރުއަރީ މަހު ހުށަހަޅާފައިވާ ކަމަށާއި ރާޖު ހައްޔަރު ކޮށްފައި ވަނީ އެ މައްސަލައާ ގުޅިގެން ކަމަށެވެ.
"ރާޖު ހައްޔަރު ކޮށްފައި މިވަނީ އިއްޔެގެ ވަގުތެއްގައި. މިމައްސަލާގައި އޭނާގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަށް ހެކި އެބަހުރި،" މުމްބާއީ ޕޮލިސް ކޮމިޝަނަރު ބުންޏެވެ.
ރާޖު ކުންދާރު ހައްޔަރުކޮށްފައިވާއިރު އަންހެނަކު އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް، މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ފުލުހުންގެ އެހެން އޮފިޝަލަކު ބުނެފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު އޮރިޔާން ފިލްމު ވެބް ސައިޓެއްގައި އާންމުކުރާ މައްސަލައާއި ރާޖު އާ އެއްވެސް ވަރަކަށް ގުޅުން ހުރިތޯ ބަލަމުން އަންނަ ކަމަށެވެ.
މުމްބާއީ ޕޮލިހުން ވަނީ ރާޖުގެ މައްޗަށް އޮޅުވާލުމުގެ ތުހުމަތާއި ގާނޫނާ ހިލާފު ތަކެތި އާންމުކުރުމުގެ ތުހުމަތަކެއްކޮށްފަ އެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގިކުރަމުން އަންނަ ކަމަށް ވެސް މުމްބައީ ޕޮލިހުން ބުންޏެވެ.