މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ސަބަބުން ގިނަ ބަޔެއްގެ ދިރިއުޅުން ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.
އިންޑިއާއަކީ ކޮވިޑްގެ އަސަރު އެންމެ ބޮޑަށް ކުރި ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. އެގޮތުން އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ފަންނާނުންގެ ދިރިއުޅުމަށް ވެސް ބޮޑެތި ދަތިތަކަކާއި ކުރިމަތިލާން ޖެހުނެވެ. ލޮކްޑައުން ކުރުމާ ގުޅިގެން މަސައްކަތެއް ނުކުރެވި ގިނަ ދުވަސްތަކެއްވުމުން ބައެއް ފަންނާނުންގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވި އެވެ.
އެކަމަކު މިފަހަރު އަކްޝޭ ކުމާރު މިވަނީ ކޮވިޑްގެ ސަބަބުން މާލީ ހާލަތު ގޯސްވެފައި ތިބި ފަންނާނުނަށް މާލީ ގޮތުން އެހީތެރިވެފަ އެވެ. މީގެ ކުރިން ވެސް އަކްޝޭ ކުމާރު ވަނީ ތަފާތު ގިނަ ގޮތްގޮތުން އާންމުންނަށް ވެސް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ކޮވިޑްގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް ބޮލީވުޑްގެ މަޝްހޫރު ތަރިން އަންނަނީ އެކި ގޮތްގޮތުން އެހީތެރިވަމުންނެވެ. އެގޮތުން ސޯނޫ ސޫދް އާއި ހުމާ ގުރައިޝީ ފަދަ ފަންނާނުން އޭގެ ތެރެއިން ވެސް ފާހަގަކޮށްލެވެ އެވެ. އަކްޝޭ ކުމާރު އާއި އޭނާގެ އަންހެނުން ޓްވިންކަލް ކަންނާ ވެސް ވަނީ ކޮވިޑްގެ ދެވަނަ ރާޅު އިންޑިއާ އާއި ބައްދަލު ކުރިއިރު ހޮސްޕިޓަލްތަކަށް އޮކްސިޖަން މެޝިން އާއި އެހެނިހެން މެޑިކަލް ތަކެތި ފޯރުކޮށްދީފަ އެވެ.