ގެއްލިގެން ހޯދަމުން ދިޔަ މިސްބާހު މުހައްމަދު ރާއްޖެ އައުމުން އޭނާ ހިފެހެއްޓީ ކަސްޓަމްގެ އޮފިސަރެއް ކަމަށް ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވީ މިސްބާހު އިމިގްރޭޝަން ކްލިއާކުރަން ވެގެން ނުކުންނަށް އުޅެނިކޮށް ކަސްޓަމްސްގެ އޮފުސަރަކަށް އޭނާގެ އަމަލުތައް ހުރި ގޮތުން ޝައްކުކުރެވިގެން ހިފަހައްޓާ އިތުރަށް ބެލުމުން އޭނާއަކީ ފުލުހުން ގެއްލިގެން ހޯދާ މީހެއްކަން އެނގުނު ކަމަށެވެ. އަދި މިސްބާހު ހިފެހެއްޓުމަށް ފަހު ފުލުހުންނަށް ވަގުތު މައުލޫމާތު ހިއްސާކުރި ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ރާއްޖެ އަންނަ މީހުންގެ ހަރަކާތްތަކަށް ބެލުމަށްފަހު އޮފިސަރުންނަށް ޝައްކުކުރެވޭ މީހުން އިތުރަށް ޗެކްކުރަމުން ގެންދާނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ މޭ 14 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން ދިޔަ މިސްބާހް އިއްޔެ މާލެ އައިސްފައިވާ ކަމަށެވެ. އަދި އޭނާ މާލެ އައުމާއެކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ކަރެކްޝަންސްއާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުނެ އެވެ.

މިސްބާހް ކަރެކްޝަނާ ހަވާލު ކޮށްފައި ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމެއް ތަންފީޒު ކުރުމަށް ކަމަށް ފުލުހުން ބުންޏެވެ. އަދި މިސްބާހް ޕާކިސްތާނަށް ދިއުމާ ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުން ދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މީގެ ކުރިން ބުނެފައި ވަނީ ގެއްލިގެން ހޯދަމުންދާ މިސްބާހު ޕާކިސްތާނުގައި ހުރީ މަސްތުވާތަކެތީގެ މުއާމަލާތެއްގައި ޕާކިސްތާނުގައި "ގެރެންޓާ" އެއްގޮތަށް ކަމަށެވެ. އެހެން ނަމަވެސް ފުލުހުންގެ ވާހަކަތައް މިސްބާހު ވަނީ ދޮގުކޮށްފަ އެވެ.