އައިފިލްމްސް އާއި ކަޒްމިކް އިންޓަނޭޝަނަލް ގުޅިގެން ތައްޔާރުކުރާ ފިލްމު "މަޒުލޫމް" ގެ ފުރަތަމަ ޗެޕްޓަރު މާދަމާ ޕްރިމިއާކުރަން ނިންމައިފި އެވެ.
އިޖުތިމާއީ މައްސަލަތަކެއްގެ މައްޗަށް ތައްޔާރުކުރަމުންދާ ކުރު ފިލްމު "މަޒުލޫމް"ގެ ފުރަތަމަ ޗެޕްޓައިން ކިޔައިދެނީ ރޭޕްގެ ވާހަކަ އެވެ. މިހާރު ފުރަތަމަ ޗެޕްޓަރުގެ ޓްރެއިލާ ނެރެފައިވާއިރު، މި ކުރު ފިލްމު ދެއްކުމަށް ހަޖެހިފައިވަނީ ބައިސްކޯފުގަ އެވެ.
މިއީ ފިލްމު "ބަވަތި" އަދި "ނީނާ"ގެ ސްކްރީންޕްލޭ ލިޔެ ޑައިރެކްޓްކުރި ހުނަރުވެރި ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ލިޔެ ޑައިރެކްޓްކޮށް ގެނެސްދޭ ކުރު ފިލްމެކެވެ. ފިލްމު 45 ވަރަކަށް މިނެޓް ވަންދެން ކުރިޔަށްދާނެ ކަމަށް ކަޒްމިކް އިންޓަނޭޝަނަލް އިން ބުނެ އެވެ.
"މަޒްލޫމް"ގެ ކާސްޓުގައި ހިމެނެނީ އައި ފިލްމްސްގެ ފުރަތަމަ ފިލްމު "ބަވަތި" އިން ހުނަރުވެރި އެކްޓިންއެއް ދެއްކި އެ ފިލްމުގެ ލީޑް ނުޒުހަތު ޝުއައިބް އާއި އިފްނާޒްގެ އިތުރުން އައި ފިލްމްސްގެ ދެވަނަ ފިލްމު "ނީނާ"ގެ ލީޑުން ފެނިގެންދާ ޝަރަފް އަބްދުﷲ އާއި މިހާރު ކުރިއަރަމުން އަންނަ ހުނަރުވެރި އެކްޓްރެސް ވާޝިޔާ މުހައްމަދު (ޝިޔާ)ގެ އިތުރުން ވެބް ސީރީޒް "އެހެނަސް" އިން ތައާރަފްވި އަހުމަދު ޝާރިފް އެވެ.
ކަޒްމިކް އިން ބުނީ "މަޒްލޫމް"ގެ ދެ ވަނަ ޗެޕްޓަރުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށާއި އެބައި ވެސް ދެއްކުމަށް ހަމަޖެހިފައި ވަނީ ބައިސްކޯފުން ކަމަށެވެ.