ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި މިދިޔަ ޖޫން މަހު ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުވާ މައްސަލައިގައި އޭނާ ފުލުހުންނަށް ދީފައިވާ ބަޔާނަށް އުނިއިތުރު ގެނެސްފައިވާ ކަމަށް އޭނާގެ ވަކީލުން ބުނާ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.

އެ އަންހެން މީހާގެ ބަޔާނަށް އުނިއިތުރު ގެނެސް، އޭނާގެ ގާނޫނީ ވަކީލުންނަށް ފުލުހުން ހަޖޫ ޖެހި މައްސަލައެއް ވަކީލުންގެ ފަރާތުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ވަނީ ހުށަހަޅައިފަ އެވެ. އަދި އެ ވާހަކަތައް ދެއްކި ވީޑިއޯ ކްލިޕް ވެސް ވަކީލުންގެ ފަރާތުން ޝޯޝަލް މިޑިއާއަށް ރޭ ވަނީ ދޫކޮށްފަ އެވެ. މި މައްސަލައާ ގުޅިގެން ފުލުހުންނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފަ އެވެ.

ފުލުހުން މިއަދު ނެރުނު ދެ ސަފްހާގެ ބަޔާނުގައި ބުނީ، އެ ވީޑިއޯ ކްލިޕަކީ އެ މައްސަލައިގައި ވިކްޓިމްއާއި ސްކައިޕް މެދުވެރިކޮށް ކޮށްފައިވާ އިންޓަވިއު ރިކޯޑިންއަކަށްފަހު، ވިކްޓިމް ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަޔާން ޑްރާފްޓް ކުރުމުގެ މަރުހަލާގައި ތަހުގީގުކުރި ފަރާތްތަކުގެ މެދުގައި ދެކެވިފައިވާ ވާހަކަތަކެއްގެ ވީޑިއޯ ކްލިޕެއް ކަމަށެވެ. އަދި ވިކްޓިމްގެ ބަޔާނަށް އުނިއިތުރު ގެނައި ކަމަށް ވަކީލުން ބުނާ ވާހަކަތައް ފުލުހުންގެ ނެރުނު ބަޔާނުގައި ދޮގުކޮށްފައިވެ އެވެ.

"މިއީ ވިކްޓިމްގެ ބަޔާނަށް އުނިއިތުރު ގެނައުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ދޭހަވާ ގޮތަށް ވިކްޓިމްގެ ވަކީލުން މީސްމީޑިއާގައި ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެލީގެން ކަމުގެ ހަގީގަތާއު ހިލާފަށް ދައްކާފައިވާ ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ،" އެ ނޫސްބަޔާނުގައި ބުންޏެވެ.

ފުލުހުން ބުނީ، ތަހުގީގަށް ކުރެވޭ އިންޓަވިއުއެއްގައި ދައްކާފައިވާ ވާހަކަތައް ބަޔާނެއްގެ ގޮތުގައި ލިޔާއިރު އެ ވާހަކަތައް އިތުރަށް ސާދުކޮށް ކަށަވަރު ކުރުމަށް ތަހުގުގައި ބައިވެރިވާ ފުލުހުންނާ ދެމެދު އަބަދުވެސް މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ބަޔާން ދޭ ފަރާތުން ދޭ ޖަވާބުތަކުގެ މައްޗަށް ފުލުހުން ބަޔާން ޑްރާފްޓް ކުރުމަކީ އާންމު އުސޫލުން ވެސް އަމަލު ކުރަމުން އަންނަ ގޮތް ކަމަށް ވެސް ފުލުހުން ބުންޏެވެ

"އެއީ ތަހުގީގަށް ނެގޭ ބަޔާން ބަދަލުކުރުން ނޫން ކަމުގައި ވެސް ދަންނަވަމެވެ." ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭގެ އިތުން މީހަކާ އިންޓަވިއު ކުރުމަށްފަހު، ފުލުހުން ޑްރާފްޓް ކުރާ ބަޔާން، އިންޓަވިއު ކުރެވޭ ފަރާތާއި އޭނާގެ ވަކީލުން ބަލައި ޗެކް ކުރުމަށްފަހު، ގެންނަ ބޭނުންވާ ބަދަލެއް ގެނައުމަށް އެފުރުސަތު ވެސް ފުލުހުންދޭނެ ކަމަށެވެ.

"ވަކިން ހާއްސަކޮށް، މިހާރު އޮންލައިންކޮށް އިންޓަވިއުކުރުމަށް އަމަލުކުރާ އުސޫލުގައި އިންޓަވިއުކުރެވޭ ފަރާތުގެ ބަޔާން ޓައިޕްކުރުމަށްފަހު، އެ ފަރާތުން ބޭނުންވާ އިސްލާހުތައް ގެނައުމަށް ބަޔާނުގެ ސޮފްޓްކޮޕީ އީމެއިލް ކުރުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވެ އެވެ." ފުލުހުން ބުންޏެވެ.

"މުޖްތަމައު ތެރެއަށް މިގޮތަށް ވީޑިއޯއެއް އާންމުކުރުމަކީ، ވިކްޓިމްގެ ހައްގުތައް އިތުރު އުނިކަން ލިބޭނެހެން ކޮށްފައިވާ އަމަލެއް ކަމުގައި ދެކެމެވެ."
ފުލުހުން

އެ ވީޑިއޯ ކްލިޕަށް ވަކީލުންނަށް އެކްސެސް ދީފައިވަނީ ތަހުގީގުގެ ބޭނުމަކަށްވާއިރު، އިންޓަވިއުގައި ހިމެނިފައިވާ މައްސަލައިގައި ވިކްޓިމްއާއި މެދު ހިންގާފައިވާ އަމަލުތަކުގެ މައުލޫމަތު ހާމަވާނެހެން އެ ވީޑިއޯ ކްލިޕް އާންމު ކުރުމުން އެކަމުގެ ކަންބޮޑުވުން ވެސް ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"މުޖްތަމައު ތެރެއަށް މިގޮތަށް ވީޑިއޯއެއް އާންމުކުރުމަކީ، ވިކްޓިމްގެ ހައްގުތައް އިތުރު އުނިކަން ލިބޭނެހެން ކޮށްފައިވާ އަމަލެއް ކަމުގައި ދެކެމެވެ." ފުލުހުން ބުންޏެވެ.

އެ ވީޑިއޯ އާންމު ކުރުން އެ ނޫސްބަޔާނުގައި ސިފަކޮށްފައިވަނީ ފުލުހުންގެ މުއައްސަސާގެ ތަސައްވަރު ކިލަނބުވާގޮތަށް ހާގީގަތާ ހިލާފު ތުހުމަތުތަކެއްކޮށް، ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލުވާލުމަށް ކޮށްފައިވާ ކަމެއްގެ ގޮތުގަ އެވެ. އަދި އެއީ ވަރަށް "ނާތަހުޒީބު އަމަލެއް"ގެ ގޮތުގައި ވެސް އެކަން ފުލުހުން ސިފަކޮށްފައިވެ އެވެ.

އޭގެ އިތުރުން ވަކީލުން އެ މައްސަލަ އެންއައިސީއަށް ހުށަހަޅަން ނިންމައިފައިވުމުން އެ ކޮމިޝަންގެ ތަހުގީގަށް ފުރިހަމަ އެެއްބާރުލުން ދޭނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.