އިވެންޓް އޯގަނައިޒަރެއްގެ ގޮތުގައި ޔޫއޭއީގައި މަސައްކަތް ކުރަމުން ދިޔަ އިންޑިއާގެ ރައްޔިތަކު އޭނާ ދަތުރުކުރި މަތިންދާ ބޯޓެއް ވެއްޓުނުތާ 45 އަހަރު ފަހުން އާއިލާއާ ބައްދަލުވާ ގޮތް ވެއްޖެ އެވެ.

މިހާރު އުމުރުން 70 އަހަރުގެ ސާޖިދު ތަންގަލް ޔޫ އޭއީގައި ވަޒީފާ އަދާކުރުމަށް އުފަން ރަށް ކަމަށްވާ އިންޑިއާގެ ކޮޓަޔަމް ދޫކޮށް ޔޫއޭއީގެ އަބޫދާބީއަށް ދިޔައީ އުމުރުން އެންމެ 22 އަހަރުގައި 1974 އަހަރު އެވެ

އަބޫދާބީގައި އިންޑިއާގެ ލަވަކިޔުންތެރިންނާއި ނެށުންތެރިންނަށް އިވެންޓް އޯގަނައިޒް ކުރުމަށް ސާޖިދު މަސައްކަތްކުރި އެވެ. އެ މަސައްކަތުގައި އުޅެމުން 1976 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެނބުރި އިންޑިއާއަށް ދިއުމަށްޓަކައި އޭނާ ދަތުރުކުރި މަތިންދާ ބޯޓު ވެއްޓި އެބޯޓުން ދަތުރުކުރި އެންމެން މަރުވި ޚަބަރުއިވުނެވެ.

އެހާދިސާއިން ހަނި ގޮތަކަށް ސަލާމަތްވުމަށްފަހު ސާޖިދު ވަނީ ކޮޓަޔަމްގައި ތިބި އޭނާގެ މައިންބަފައިންނާއި އާއިލާއާ ގުޅުން ކަނޑާލައިފަ އެވެ. އިންޑިއާއަށް އެނބުރި ދިއުމަށް ފަހު ވެސް އާއިލާއާ ކުރިމަތިލާން ނުކެރިގެން އޭނާ އެ މީހުންނާ ބައްދަލެއް ނުކުރެ އެވެ.

"އަހަންނަކީ ނާކާމިޔާބު މީހެއް ކަމަށް އަމިއްލައަށް ގަބޫލު ކުރެވިގެން އާއިލާއާ ކުރިމަތިލާން ވެސް ލަދުން ހުރީ،" ސާޖިދު ބުންޏެވެ.

ސާޖިދު ހުރީ އިންޑިއާގެ ބޮމްބޭގައި މަސައްކަތް ކޮށްގެން އަމިއްލަ ފައިމައްޗަށް ތެދުވުމަށްފަހު އާއިލާއާ ބައްދަލުކުރާށެވެ. ނަމަވެސް 45 އަހަރުވީއިރު އެކަން ވެސް ކާމިޔާބު ނުވެ އާއިލާއާ ބައްދަލު ނުވެ ހުރީ އެވެ.

މަތިންދާ ބޯޓު ވެއްޓުމުގެ ހާދިސާއަށްފަހު ހާލުގައި ޖެހުނު ސާޖިދުއަށް ބޯލިޔާވެހިކަމެއް ލިބުނީ އިންޑިއާގައި ހާލުގައި ޖެހިފައިވާ މީހުން ބަލާ އާޝްރަމްއަކުންނެވެ. ނަމަވެސް އާއިލާގެ ވާހަކަ އޭނާ ދެއްކީ މީގެ މަދު ހަފްތާތަކެއް ކުރިން ކަމަށާއި ކޮޓަޔަމްގެ މިސްކިތެއްގެ އިމާމް މެދުވެރިކޮށް އޭނާގެ އާއިލާ ހޯދިފައިވާ ކަމަށް އާޝްރަމްގެ އިސްވެރިޔަކު ވިދާޅުވި އެވެ.

ސާޖިދުގެ އާއިލާއިން ތިބީ މީގެ 45 އަހަރު ކުރިން ހިނގާދިޔަ އެކްްސިޑެންޓުގައި އޭނާ މަރުވީ ކަމަށް ހީކޮށްގެންނެވެ. ނަމަވެސް އާޝްރަމްގެ އެހީއާއެކު އޭނާއަށް މިވަނީ އަލުން އޭނާގެ އާއިލާއާ ބައްދަލުވުމުގެ ފުރުސަތު ލިބިފަ އެވެ.