ދަތް އުނގުޅުމަކީ އަނގައިގެ ސިއްހަތަށް ވަރަށް މުހިއްމު ކަމެކެވެ. ރެއަކާއިދުވާލު ދެފަހަރު ދަތް އުނގުޅުމަކީ ޑެންޓިސްޓުން އަބަދުވެސް މަޝްވަރާ ދެއްވާކަމެކެވެ.

އަމިއްލަ ސާފުތާހިރުކަމަށްޓަކައި ރެއަކާއިދުވާލު ދެފަހަރަށްވުރެ ގިނައިން ދަތް އުނގުޅާ މީހުން ވެސް އަހަރުމެންގެ ތެރޭގައި އުޅެ އެވެ. ނަމަވެސް ދަންނަންވީ ކަމަކީ މާ ގިނައިން ދަތް އުނގުޅުމަކީ ވެސް ގޯހެއް ކަމެވެ. އެކަމުގެ ސަބަބުން ދަތްތަކާއި އަނގައިގެ ސިއްހަތަށް ގެއްލުން ލިބޭ ކަމެއް ކަމެވެ.

އެންމެ ފުރަތަމަ ކަމަކަށް ދަތް އުނގުޅަން ބޭނުންކުރާ ބޭހަކީ އޭގައި ބާރުގަދަ ގިނަ މާއްދާތަކެއް އެކުލެވޭ އެއްޗެކެވެ. މި ބޭސް މާގިނައިން ބޭނުންކުރުމަކީ ދަތްތަކުގެ ބާރުދަށްވެ، ނާޒުކު ދަތްތަކަކަށް މަގުފަހިވާ ކަމެކެވެ.

މީގެ އިތުރުން މާ ބާރަށް ދަތް އުނގުޅުމަކީ ވެސް ދަތް އުނގުޅާ ބުރުހުގެ ނަރުތައް އަނގައިގެ ހިރުގަނޑަށް ވަދެ ހިރުގަނޑަށް ގެއްލުން ލިބޭކަމެކެވެ.

މި ސަބަބުތަކަށްޓަކައި މާގިނައިން ދަތް އުނގުޅުމުން ވެސް ދުރުވާން ޖެހެ އެވެ. ދަތުގެ ޑޮކްޓަރުންގެ ލަފާގެ މަތިން ދަތް އުނގުޅުމުގެ އާދަތައް ބަހައްޓާށެވެ.