ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ މިހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 6:03 ގައި ކަމަށާއި އަލިފާން އެއްކޮށް ކޮންޓްރޯލް ކޮށްފައި ވަނީ 7:10 ގައި ކަމަށެވެ.

މި ހާދިސާގައި އެތަނުގެ އެއް ކޮޓަރި އާއި އެ ކޮޓަރީގެ ހުރި ތަކެއްޗަށް ބޮޑެތި ގެއްލުން ލިބިފައިވާއިރު އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، މި އަހަރުގެ މޭ މަހު ތެރޭގައި ވެސް ހިޔާގެ ކޮޓަރިއެއްގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފަ އެވެ.

އެ ހާދިސާއާއި ގުޅިގެން ޖެންޑާ މިނިސްޓްރީއިން ބުނެފައި ވަނީ އަލިފާނުގެ ހާދިސާ ހިނގީ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކެއް ގަސްދުގައި އެތަނުގައި އަލިފާން ރޯކޮށްލުމުން ކަމަށެވެ.

ދައުލަތުން ބަލަހައްޓަމުން ގެންދާ ކުދިންގެ ތެރެއިން ކުޑަކުދިންގެ ހިޔާގައި މިހާރު ތިބެނީ އުމުރުން 13 އަހަރަށް ވުރެ ދޮށީ ކުދިންނެވެ.