ބެއިރޫތު (29 ޖުލައި) - ލުބްނާންގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަަށްވާ ހިޒްބުﷲގެ ނާއިބެއްގެ ދަރިއެއް ކައިވެނިކުރުމާއެކު އެ ގައުމުގެ މަސްރަހު ގޯސްވެއްޖެ އެވެ.

ހިޒްބުﷲގެ ޕާލިމެންޓަރީ ގްރޫޕްގެ ކުރީގެ ނާއިބެއް ކަމަށްވާ ނަވާރު އަލް ސަހްލީގެ އަންހެން ދަރިފުޅުގެ ކައިވެނި ކުރިއަށް ދިޔައީ ވަރަށް ކުލަގަދަކޮށެވެ.

މިކައިވެންޏާއެކު ލުބްނާންގެ ގިނަ ރައްޔިތުންތަކެއް ވަނީ ގައުމުގެ އަމާންކަމާއި ސިޔާދަތު ގެއްލިި ފަގީރުކަން ފެތުރިދާނެކަމުގެ ބިރު އޮތް ދަނޑިވަޅެއްގައި އެހާ ކުލަގަދަކޮށް އެ ކައިވެނި ބޭއްވުމުން ހިޒްބުﷲއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފަ އެވެ.

އާއްމުވެފައިވާ ކައިވެނީގެ ވީޑިއޯތަކުން ކުލަގަދަކޮށް ކައިވެނި ފާހަގަ ކުރެވިފައިވާކަން ދޭހަވާއިރު މިކަން ކުށްވެރިކޮށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ޚިޔާލުފާޅު ކުރަމުންނެވެ.

މިކަމާ ބެހޭގޮތުން ސަހްލީ ބުނެފައި ވަނީ ދަރިފުޅުގެ ކައިވެނީގެ ހުރިހާ ޚަރަދެއް ކޮށްފައިވަނީ އޭނާގެ ފިރިމީހާ ކަމަށާއި އެކަމުގެ ސަބަބުން ލުބްނާންގެ މަސްރަހަށް ގެއްލުން ވެފައިވާނަމަ މައާފަށް އެދޭ ކަމަށެވެ.

ސަހްލީ މައާފަށް އެދުމާއެކު އާއްމުންގެ ރުޅި އިތުރަށް ގަދަވެ، އޭނާއަށް އަމާޒުވެފައިވާ ރުޅިވެރިކަމާއި ނަފްރްތު އިތުރުވި އެވެ.

ލުބްނާންގައި ފާއިތުވެދިޔަ މަސްތަކުގައި ކޮވިޑް 19ގެ ސަބަބުންނާއި ކުރިމަތިވި ގޮވުމުގެ ހާދިސާގެ ސަބަބުން އިގްތިސާދު ވަޅުޖެހިފައިވާ އިރު، އިގްތިސާދު އިތުރަށް ގޯސްވެފައި ވަނީ ސަރުކާރުގެ ނިންމުންތަކާއި ކޮރަޕްޝަންގެ ސަބަބުން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.