ވޮޝިންޓަން (31 ޖުލައި) - ކޮވިޑް -19އަށް ތައްޔާރުކޮށްފައިވާ ވެކްސިންތަކަކީ އަލަށް ފެންނަމުން އަންނަ ބަލީގެ ވޭރިއަންޓްތަކުން ދިފާއު ކޮށްދިނުމުގެ ގާބިލުކަން ލިބިފައިވާ ވެކްސިންތަކެއް ނޫން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

އޮސްޓްރިއާގެ އިންސްޓިޓިއުޓު އޮފް ސައިންސްގެ އެންޑް ޓެކްނޮލޮޖީން ކުރިއަށް ގެންދިޔަ މި ދިރާސާގައި ބުނެފައިވަނީ ކޮވިޑްގެ ނުރައްކާތެރި ވޭރިއަންޓުތަކުން ރައްކާތެރިވުމަށް ވެކްސިންގެ އިތުރުން އިޖުތިމާއީ ގައިދުރުކަމާއި މާސްކު އެޅުންފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން ކޮވިޑްގެ އާ ވޭރިއަންޓްތައް ކުރިއަށް އޮތް ތަނުގައި ވެސް ފެނުން އެކަށީގެންވާ ކަމަށް މި ދިރާސާގައި ބުނެފައިވާއިރު، ސިޔާސަތުތައް ހަދާ އިދާާރާތަކުނާއި އަމިއްލަ ފަރުދުން ވެސް ބޭސްފަރުވާގެ އިތުރުން ކޮވިޑުން ރައްކާތެރިވުމަށް އެޅޭނެ އެހެން ފިޔަވަޅުތަކަށް އިސްކަން ދޭން ޖެހޭ ކަމަށް ވެސް ދިރާސާގައި ބުނެފައިވެ އެވެ.

މިއާއެކު ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ވެސް ބަލީގެ ޑެލްޓާ ވޭރިއަންޓް ޖެހިދާނެ ކަމަށާއި ނަމަވެސް ބަލީގައި ހާލު ބޮޑުވެ ފުރާނައަށް ނުރައްކާވުން ދުރުކޮށްދޭ ކަމަށް މި ދިރާސާގައި ބުނެފައިވެ އެވެ.

ދުނިޔޭގެ ތަފާސް ހިސާބު ތަކަށް ބަލާއިރު މިހާރު ކޮވިޑް އެންމެ ބޮޑަށް ފެތުރެމުން ދަނީ ވެކްސިން ފުރިހަމަނުކުރާ އާބާދީގެ ތެރޭގަ އެވެ. -- އަލް އަރަބިއްޔާ