އުމުރުން ދުވަސްވާ ވަރަކަށް ހަރަކާތްތެރިވުން ކުޑަވެ، ދިރިއުޅުމުގައި ކުރަން ބޭނުންވި ކަންތައްތައް ނުކުރެވި ތިބޭ މީހުން މުޅި ދުނިޔޭގައި ވެސް އެބަ ތިއްބެވެ.

ނަމަވެސް އެމެރިކާގެ މެއިނޭއަށް ނިސްބަތްވާ އަންހެނެއް ކަމަށްވާ ވާޖިނިއާ އޮލިވާއަކީ އޭނާ ދިރިއުޅުމުގައި އެންމެ ކުރާހިތްވި "ހޮބީ" އަށް އޭނާގެ އުމުރު ހުރަސް އެޅިޔަ ނުދިން ފިސާރި އަންހެނެކެވެ.

އުމުރުން ހަތް އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް އޮލިވާއަކީ ގަވާއިދުން ޑިނގާ ނަގަން ނުކުމެ އުޅޭ މީހެކެވެ. މިހާރު އުމުރުން 101 އަހަރުގެ އޮލިވާ ހަފްތާއަކު މަދުވެގެން ތިންދުވަހު ޑިނގާ ނަގަން ނުކުމެ އެވެ.

މި މަސައްކަތުގައި އޮލިވާއަށް އެހީތެރިވަނީ އޭނާގެ 78 އަހަރުގެ ދަރިފުޅު މެކްސް އެވެ. މެކްސްއަކީ އޮލިވާގެ ފިރިމީހާ މަރުވުމަށްފަހު ބޯޓުގެ ކްރޫއެއްގެ ގޮތުގައި އޭނާއާއެކު ޑިނގާ ނަގަންދާ ބައިވެރިޔާ އެވެ.

"އަހަރެން މަރުވަންދެން ވެސް މިކަން ކުރާނަން،" އޮލިވާ ބުންޏެވެ.

ލައިސަންސް ދޫކުރެވިގެން ޑިނގާ ނަގާ އެންމެ އުމުރުން ދުވަސްވީ މީހާ ކަމަށްވާ އޮލިވާއާ ބެހޭގޮތުން އެ ސަރަހައްދުގެ ލޮބްސްޓާމެން އެސޯސިއޭޝަންގެ ކުރީގެ ރައީސް ޑޭވިޑް ކައުޒެންސް ބުނީ އޮލިވާ ޑިނގާ ނަގަން ނުދާ ހަނދާނެއް ނުވާ ކަމަށާއި އަދިވެސް އޭނާ ދެގޮތެއް ނުވެ ކުރިއަށްދާ ކަމަށެވެ.

އޮލިވާއާއި މެކްސްގެ މަސައްކަތުން ހޮވާ ޑިނގާ އެ މީހުން ގެންދަނީ ސްޕްރޫސް ހެޑް ފިޝަމެންސް ޕައުންޑް ކޫޕްއަށެވެ. އެތަނުން އޮލިވާގެ ޑިނގާތަކަށް ރަނގަޅު އަގެއް ލިބޭތޯ އެހީވެދެ އެވެ.

އާއްމުންގެ މެދުގައި ލޮބްސްޓާ ލޭޑީގެ ނަމުން މަޝްހޫރު ވެފައިވާ އޮލިވާ ބުނީ މުސްކުޅިވި ދުވަހު ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ބޭނުން ނުވާ ކަމަށާއި ޑިނގާ ނެގުން ހުއްޓާލަން ނުވިސްނާ ކަމަށެވެ.