ނިއު ޔޯކް (05 އޮގަސްޓް)- މިދިޔަ ބުދަ ދުވަހާ ހަމައަށް ދުނިޔެއިން ފެނިފައިވާ ކޮވިޑް -19 ކޭސްތަކުގެ ޖުމްލަ އަދަދު 200 މިލިއަނުން މައްޗަށް އަރާފައިވާ ކަމަށް ރޮއިޓާސްގެ ތަފާސް ހިސާބުތަކުން ދަައްކައިފި އެވެ.
އިންޑިއާއިން ފެނުނު ނުރައްކާތެރި ޑެލްޓާ ވޭރިއަންޓް މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން ދާއިރު، ބަލީގެ މާހިރުން ދަނީ މި ވޭރިއަންޓްގެ ސަބަބުން ކުރިމަތިވާ އިތުރު ސިއްހީ މައްސަލަތަކާ ބެހޭ ގޮތުން ދިރާސާތައް ކުރަމުންނެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ އާބާދީގެ 2.6 ޕަސެންޓަށް މިހާރު ވަނީ ކޮވިޑް ޖެހިފަ އެވެ. ވެކްސިން ނުޖަހާ އާބާދީގެ މެދުގައި ބަލިޖެހި ހާލު ބޮޑުވާ މީހުންގެ ރޭޓު މަތިއިރު، ސިއްހީ އިދާރާތަކުންނާއި މާހިރުން އަންނަނީ ވެކްސިން ޖެހުމަށް މީހުންނަށް ބާރު އަޅަމުންނެވެ.
ބަލި ފެތުރެމުންދާ ހަލުވިމިން އަންގައިދޭ އެއްކަމަކީ ފުރަތަމަ 100 މިލިއަން ކޭސް ރެކޯޑު ވެފައި ވަނީ އެއް އަހަރުން ކަމަށްވެފައި ދެން އައި 100 މިލިއަން ކޭސް ރެކޯޑު ކުރަން ނެގީ އޭގެ ދެގުނަ އަވަސް މުއްދަތެއް ކަމަށްވާ ހަ މަސްދުވަސް ކަމެވެ.
މިހާރު ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އޭޝިއާ ބައްރުގެ ގައުމުތަކުގައި ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. އެގޮތުން މެލޭޝިއާ، ތައިލެންޑް އަދި އިންޑޮނޭޝިއާ ފަދަ ކުރިން ބަލި ކޮންޓްރޯލް ކުރެވިފައިވާ ގައުމުތަކުގައި ހާލަތު ދަނީ ގޯސްވަމުންނެވެ.
ކޮވިޑްގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި އެންމެ ފާހަގަކޮށްލެވެނީ މުއްސަނދި ގައުމުތަކާއި ފަގީރު ގައުމުތަކާ ދެމެދު އޮތް ތަފާތުތަކުގެ ބޮޑު ކަމެވެ. ވެކްސިން ލިބުމުގަ އާއި ބަލިން ރައްކާތެރިވުމަށް ކުރަން ޖެހޭ އެހެނިހެން މަސައްކަތްތަކުގައި ފަގީރު ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުން ތަކެވެ.
މިކަމަށް އިޝާރާތްކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ވަނީ ވެކްސިންގެ ކަންކަމުގައި ދުނިޔޭގެ ހުރިހާ ގައުމެއް ހަމަހަމަ ކުރުމަށް މުއްސަނދި ގައުމުތަކުން އެއްބާރުލުން ދިނުމަށް ގޮވާލާފަ އެވެ. --- ދަ ސްޓްރެއިޓްސް ޓައިމްސް