މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ގައިދުރުކޮށް ޖަމާއަތް ހެދުމާއި ގުނޫތު ނާޒިލާ ކިޔުން މިއަދުން ފެށިގެން ހުއްޓާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ ގްރޭޓަ މާލެ ސަރަހައްދުގައި ކޮވިޑް ފެތުރޭ މިންވަރު ކޮންޓްރޯލްކުރަން ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ދައުލަތުން ކުރި ގިނަ މަސައްކަތްތަކެއްގެ ސަބަބުން މާލެ ސަރަހައްދުގެ ކޮވިޑްގެ ހާލަތު ރަނގަޅުވުމާ ގުޅިގެން ރައްޔިތުންނަށް ގިނަ ލުއިތަކެއް ދީފައިވާކަން ފާހަގަކޮށްފައިވެ އެވެ.

އެ މިނިސްޓްރީން ބުނީ މާލެ ސަރަޙައްދުގެ މިސްކިތްތަކުގެ ޖަމާއަތް ގައިދުރުކޮށް ހެދުމާއި ޖަމާއަތުގެ ނަމާދުތަކުގައި ކޮވިޑްގެ ހާލަތާ ގުޅިގެން ކިޔަމުން އައި ގުނޫތު ނާޒިލާ ކިޔުން މިއަދުން ފެށިގެން މަޑުޖައްސާލާފައިވާ ކަމަށެވެ. ނަަމަވެސް ޖަމާއަތުގެ ނަމާދުތަކުގައި ގުނޫތު ނާޒިލާ ކިޔުން މިވަގުތަށް ހުއްޓާލި ނަމަވެސް ފަރުޟު ނަމާދުތައް ބަރާބަރަށް އަދާކޮށް، ސުންނަތް ނަމާދު ގިނަކުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރެ އެވެ. އަދި ކީރިތި ގުރުއާން ކިޔަވައި އިސްތިޣުފާރު ކުރުމަށާއި މި ބަލިމަޑުކަމުން އަވަހަށް ސަލާމަތް ކޮށްދެއްވުމަށާއި ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅު ކޮށްދެއްވުން އެދި ގިނަގިނައިން ދުއާކޮށް އުޅުމަށް ހުރިހާ ރައްޔިތުންނަށް އެ މިނިސްޓްރީން ނަސޭހަތްތެރިވެ އެވެ.

މީގެ އިތުރުން ހުރިހާ އެންމެން ވެސް މިސްކިތްތަކުގައި ތިބޭ ވަގުތުތަކުގަ އާއި ބޭރުގައި އުޅޭ ވަގުތުތަކުގައި ވެސް މާސްކު އެޅުމަށާއި ކަމާގުޅޭ ފަރާތްތަކުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރެ އެވެ. އަދި މާތްﷲ ގެ ރަޙްމަތުން މާޔޫސް ނުވެ ސަބަބުތަކުގައި ހިފައި ފުރިހަމައަށް މާތް ﷲއަށް ވަކީލުކޮށް އުޅުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.

މާލެ ސަރަޙައްދުގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދިއުމުގެ ސަބަބުން އޭރު އޮތް ހާލަތަށް ރިއާޔަތްކޮށް، އިތުރަށް ބަލިމަޑުކަން ފެތުރުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންގެ ލަފާގެ މަތިން މިސްކިތްތަކުގައި ޖަމައަތުގައި ނަމާދުކުރުން މެދުކަނޑާލުމަށް ނިންމީ މިދިޔަ މެއި މަހުގެ 19ވަނަ ދުވަހުން ފެށިގެންނެވެ. އަދި ހާލަތަށް ރިއާޔަތްކޮށް މާލެ ސަރަޙައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި، ގައިދުރުކަމާއެކު ނަމާދުކުރުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން މިދިޔަ ޖޫންމަހުގެ 30 ވަނަ ދުވަހު ވަނީ ދީފަ އެވެ.