ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް ރެސްޓޯރަންޓްތަކުން ހިދުމަތް ދިނުމާއި ޑޮމެސްޓިކް ފްލައިޓް ދަތުރުތައް ކުރުން މަނާކުރުން ހިމެނޭ ގޮތަށް ބައެއް މުހިންމު ހިދުމަތްތަކަކުން މަހުރޫމްކޮށްފިއެވެ.

އެޗްޕީއޭ އިން މިރޭ ނެރުނު އިއުލާނުގައިވާގޮތުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނާ މެދު އަޅާ އެ ފިޔަވަޅުތަކަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ އެކަކުން ފެށިގެން ކަމަށެވެ.

އެގޮތުން ޖިމްތަކާއި، ސެލޫނުތަކާއި، ސިނަމާތަކުން އެފަދަ މީހުންނަށް ހިދުމަތްދިނުން މަނާކުރުމާއި ޕަބްލިކް ޓްރާންސްޕޯޓާއި ޓެކްސީގެ ހިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ.

ހަމައެހެންމެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުން އޮފީސްތަކަށް ހާޒިރުވެ ވަޒީފާ އަދާކުރުން ވެސް ވަނީ މަނާކޮށްފައެވެ.

މިހާތަނަށް ރާއްޖެއިން 327،579 މީހުން ވަނީ ވެކްސިންގެ ފުރަމަ ޑޯޒް ޖަހާފައެވެ. އަދި 280،353 މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެވެ.